މާއިސް
ކޮޓަރީގެ ދޮރު ވަރަށް ބާރަށް ޖެހުމަށްފަހު ކޮޓަރިން ބޭރަށް ނިކުތެވެ. ހީވަނީ ދެން
ދުވަހަކުވެސް އެ ކޮޓަރިއަށް ވަންނަށްވެސް ބޭނުން ނުވާހެންނެވެ. މައީސް ކޮޓަރިން
ނިކުތުމާއެކު ޒޫވާން ރީތި އަންހެން ކުއްޖެއް ހަމަ އެކޮޓަރިން ނިކުތެވެ. އަދި
މާއިސް އަށް ދެފަހަރު ގޮވާލުމަށްފަހު އޭނަގެ ފަހަތުން ދުއްވާ ގަތެވެ. ދުވެފައިގޮސް
މާއިސްގެ އަތުގައި ވަރަށް ބާރަށް ހިފިއެވެ. އެވަގުތު މާއިސް އެބުރި ފަހެއް
ބަލާލުމަށް ފަހު ވަރަށް ރުޅި އައިސްފައި ހުރެގެން " މަރީ " ތިމަންގެ
އަތުން ދޫކޮށްލާށެ ބުނެ އަތް ފޮޅާލިއެވެ.
މާއިސް ވަރަށް
ރުޅިވެރި ކަމާއެކު '' މަރީ '' އާއެކު އުޅެން ބޭނުން ނުވާކަމަށް ބުންޏެވެ. އަދި މަރީ
އަށް އެވަގުތު ރޮވުނެވެ.ރޮމުން ރޮމުން ގޮސް މާއިސް ގެ އަތުގައި ދެވަނަ ފަހަރަށް
ހިފެހެއްޓިއެވެ. އަދި މަރީ ދޫކޮށް ނުލުމަށް އާދެސް ކުރަމުން ދިޔައެވެ. ނަމަވެސް
މާއިސް އަކަށް އެއްގޮތަކަށްވެސް މަރީ ދައްކާ ވަހަކަ އަޑުއިވޭ ކަމަކަށް ނުވިއެވެ.
ނުވަތަ މާއިސް އެވާހަކަތައް އަޑުއަހަން ބޭނުން ނުވަނީ ކަންނޭގެއެވެ.
މާއިސް ވެސް
ވަރަށް ދެރެވެފައި ހުރެ މަރީ އަހަރެން ނަށް އޮޅުވާލީ ކީއްވެހޭ އެހިއެވެ. މަރީ އަކީ
ހަގީގަތް ހާމަ ކުރަން ނުކެރޭ ވަރަށް ފިޑި މީހެކޭ ބުނެފައި މާއިސް ގެއިން
ނިކުމެގެން އެ ދިޔައީއެވެ. މަރީ ދުވަމުން
ގޮސްގެ ދޮރިމަތީގައި މާއިސް މަގުގެ ކޮޅުން އޮބާލަންދެން ބަލަން ހުއްޓެވެ. މިޔަދު
މިގޮތަށް ވާންޖެހުނީ މަރީގެ ސަބަބުންކަން ހުދު މަރީއަށްވެސް ގަބޫލްކުރެވެ. މިކަމާ މަރީ
ވަރަށް ދެރަވެއެވެ. ހިތާމަ ކުރެއެވެ. ނަމަވެސް މިޔަދު މިވަނީ ވަގުތު ފާއިތުވެއެވެ.
ދެން އެދުވަހެއް އެބުރި ނާންނާނެއެވެ. ކިތައްމެ ވަރަކަށް ގެންނަށް ބޭނުންވިޔަސް
ކުރާނެކަމެއްނެތެވެ. ހިތާމައެއްގެ ބޮޑުކަމާއެވެ. މަރީ ހިތާހިތުން ކިޔާލިއެވެ. މަރީ
ދުވެފައި ގޮސް ކޮޓަރި ތެރެއަށް ވަނެއެވެ. އަދި ކޮޓަރިތެރޭގައި ހުރި އަލަމާރީގެ
ދޮރު ހުޅުވާލިއެވެ. މަރީ ގެ ނަޒަރު ފުރަތަމަ ހުއްޓުނީ އަލަމާރި ތެރޭގައި ހުރި މަޑު
ފިޔާތޮށި ކުލައިގެ ހެދުމަށެވެ. އެއާއެކު މަރީ މާޒީގެ ތެރެއަށް ގެއްލުނެވެ.
މަރީ އާއި
މާއިސް ފުރަތަމަވެސް ބައްދަލުވީ މަޖީދީ މަގުގައި ހުރި ފިހާރައެއްގެ ތެރެއިންނެވެ.
ދެމީހުންނަށްވެސް ގޮސް އެއްފަހަރާ އަތްލެވުނީ އެއް ހެދުމެއްގައިއެވެ. މާއިސް ގޮސް
ހެެދުމުގައި އަތްލީ އޭނަގެ ދައްތަގެ އުފަން ދުވަހުގެ ހަދިޔާ އަކަށް އެހެދުން
ދިނުމުގެ ގޮތުންނެވެ. ނަމަވެސް މަރީ އެ ހެދުން ބޭނުންވީ އޭނައަށް ރީތިވެގެންނެވެ.
ދެމީހުންވެސް އެ ހެދުން ބޭނުންވިއެވެ. ނަމަވެސް ފަހުން މާއިސް އެހެދުން މަރީ އަށް
ދޫކޮށްލިއެވެ. އަދި މާއިސް ގެ ދައްތަ އަށް ގަތީ އެހެން ހެދުމެކެވެ. މީގެ ފަހުން،
މާއިސް އާއި މަރީ ގެ ގުޅުން އައީ ދުވަހަކަށް ފަހު ދުވަހަކު ބަދަލުވަމުންނެވެ.
އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެވިއްޖެއެވެ. ދުވަހަކުވެސް ވަކިވުމަށް
ބޭނުން ނުވާހާލުގައެވެ.މަރީ ގެއިން އޮފީހަށް އަދި އޮފީހުން ގެޔަށް ލާދިނުމަކީ
މާއިސްގެ ޒިންމާއަކަށް ވެއްޖެއެވެ. ދެމީހުންނަކީ ކައިވެނި ނުކޮށް އުޅުނަސް
ކައިވެނި ކޮށްގެން އުޅޭ ދެމީހުންކަހަލައެވެ. ދެމީހުން އެކުގައި ނޫނީ އެއްވެސް
ތާކަށްވެސް ނުދެވެ.
މާއިސް މަރީ
އާއި ކައިވެނި ކުރަން ބޭނުންވެއްޖެއެވެ. މަރީ ހަނދާނެ ގޮތް ހުސްވެއްޖެއެވެ. ބައްޕަ
އެހާފަސާހައިން ވަލީ ނުދެނޭކަމަށާއި މަރީގެ
ބައްޕަ އުޅެނީ ސްރީލަންކާގައިކަމަށާއި މިހާރު މަރީ މި އުޅޭ ގެޔަކީ ބައްޕަ
ސްރީލަންކާޔަށް ބަދަލު ވަމުން މަރީ އަށް ކުއްޔަށް ހިފާދީފައިވާ ގެޔެއްކަމަށް ބުނެ
މާއިސް އަށް އޮޅުވާލިއެވެ. އަދި މަރީގެ ބައްޕަ ވަލީ ނުދިނަސް ކޯޓަށް ގޮސް ކާވެނި
ކުރާނެ ވާހަކަ މާއިސް ބުންންޏެވެ. މާއިސްގެ ރައްޓެއްސެއްވެސް ކޯޓްގައި އުޅޭވަހަކަ
ބުނެ، ކައިވެނި ކުރުމުގެ ހުރިހާ ކަމެއް މާއިސް ހަމަޖައްސާނެ ވާހަކަ މަރީ ގާތުގައި
ބުންޏެވެ. ނަމަވެސް ކޯޓްގައި އުޅޭ މާއިސްގެ ރަހުމްތް ތެރިޔާގެ ފަރާތުން އެގުނީ މަރީ
އުޅެނީ އެހެން މީހަކާ ކައިވެނި ކޮށްގެން ކަމެވެ. އަދި މާއިސް ހޯދި ހޯދުމުން އެގުނީ
މަރީ ފިރިމީހާ ވީ މެލޭޝިޔާއަށް ކިޔަވަންގޮސް ކަމެވެ.މިކަންތައް އެގުމުގެ ސަބަބުން
މާއިސްގެ ހިތް ކުދިކުދި ވީކަހަލައެވެ. ފައިގެ ދަށުން ބިންގަޑު ދެމިގެން
ދިޔަކަހަލައެވެ. އަޑުގެ ނެތްތަނަށް ބާރަށް ރޮއެގަތެވެ. ހަނދާނެ ގޮތް ހުސްވިއެވެ.
ހަތަރު އުދަރެސް ފެނުޖެހުނުކަހަލައެވެ. މާއިސްގެ ހަޔާތުންވެސް އެންމެ ލޯބިވި
އަންހެންކުއްޖަކީ މީހެއްގެ އަތްބެކެވެ. މަރީ މާއިސް އަށް އޮޅުވާލިއެވެ.
މަރީ ރޮމުން
ރޮމުން އެ ހެދުމަގައި އިތުރަށް ގަޔާލާ ބޮޑިކޮށްލިއެވެ. އެ ހެދުމުގައިވަނީ މާއިސްގެ
ހަނދާންތަކެވެ. އެ ހެދުމަކީ މަރީއާއި މާއިސްގެ ބައްދަލުވުމުގެ މެދުވެރިއެވެ. މަރީ،
މާއިސް އަށް އޮޅުވާލެވުނީތީ މިޔަދު މަރީވެސް ދެެރަވެ. މަރީ ފިރިމީހާ ދެކެ ލޯބި
ނުވާނަމަ އެކަން ފިރިމީހާއަށް ހާމަކޮށް މަރީއަށް އެކަން ހައްލު ކުރެވުނީސް
ނޫންހެއްޔެވެ. ވަގުތު ފާއިތުވީއެވެ. ދެން މާއިސް ވެސް މުޅި އުމުރަށް މަރީ އާއި
ވަކިވެގެން ދިޔައީއެވެ. ( ނިމުނީ )

No comments:
Post a Comment