"ޑިވެލޮޕްމެންޓަލް އެކްސްޕްރެސިވް ލެންގްއެޖް ޑިސްއޯޑަރ" ހުންނަ ކުދިން ވާހަކަ ދައްކާއިރު ބޭނުންކުރާ ބަސް ހަނދާން ކުރުމަށް އުދަގޫވުމާއި އަދި ވާހަކަ ދައްކާއިރު ތިންބަހަށް ވުރެ އިތުރު ބަސް ބޭނުންކޮށްގެން ވާހަކަ ދައްކަން އުދަގޫވުން ހިމެނެއެވެ. މިސާލަކަށް ފަސް އަހަރުގެ ކުއްޖަކު ވާހަކަ ދައްކާއިރު ތިން ބަހަށް ވުރެ އިތުރު ބަސް ބޭނުން ކޮށްގެން ވާހަކަ ދައްކަން އުނދަގޫވާތަން އާދެއެވެ. އަދި މީގެ އިތުރުން އެ އުމުރުފުރާގެ ކުއްޖަކާ ސުވާލު ކުރުމުން ޖަވާބު ދޭން މަސައްކަތް ކުރާއިރު، ޖަވާބު ދިނުމުގައި ބޭނުންކުރަންޖެހޭ ރަނގަޅު ބަސް، ބޭނުން ކުރަން އުނދަގޫވުން ހިމެނެއެވެ.
މި ޑިސްއޯޑަރ ހުންނަ ކުދިންގެ ފަރާތުން އެހެން ޑިވޮލެޕްމެންޓަލް ޑިސްއޯޑަރ އެއް ނުފެންނަ ނަމަ، ވާހަކަ ދެއްކުމާއި އަޑުއެހުމަކީ މިކުދިންނަށް މާއުދަގޫ ކަމެއްނޫނެވެ. މިއީ ސްކޫލަށް ދާ އުމުރުފުރާގެ ކުދިންގެ މެދުގައި ވަރަށް އާންމުކޮށް ފެންނަ ކަމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން، ސްކޫލަށް ދާ އުމުރު ފުރާގެ ގާތްގަނޑަކަށް %3 އާއި %10 އާއި ދެމެދުގެ ކުދިންގެ ފަރާތުން މި ޑިސްއޯޑަރ ފެނެއެވެ.
"ޑިވެލޮޕްމެންޓަލް އެކްސްޕްރެސިވް ލެންގްއެޖް ޑިސްއޯޑަރ" ކުރިމަތިވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އާއިލާގެ ފަރާތުން ވާރުތަވުމާއި، ކުދިންނަށް ރަނގަޅު ކާނާ ކާންނުދިނުމާއި، ސިކުނޑީގެ '' ސެރިބުރަމް'' އަށް ގެއްލުމެއް ލިބުމާއި އަދި ސެންޓްރަލް ނާރވަސް ސިސްޓަމްއަށް ގެއްލުމެއް ލިބުން ހިމެނެއެވެ. އަދި މީގެ އިތުރުން އެހެނިހެން ޑިސްއޯޑަރ ހުންނަ ކުދިންގެ ފަރާތުންވެސް މިކަން ފެނިގެންދެއެވެ. އޭގެތެރޭގައި " އޯޓިޒަމް ޑިސްއޯޑަރ'' ހުންނަ ކުދިންނާއި އަދި ކަންފަތުން އަޑުހެމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނެއެވެ.
ތިރީގައި މިވަނީ މިފަދަ ކުދިންގެ ފަރާތުން ފެންނަ ބައެއް ކަންތައްތަކެވެ.
- އުމުރުފުރާއާއި އަޅާބަލާއިރު ބަސްކޮށާރު ހަނިވުން
- އުމުރުން ދެ އަހަރު ގައިވެސް 25 ބަހަށް ވުރެ މަދު ބަސް ބޭނުންކޮށްގެން ވާހަކަ ދެއްކުން
- އުމުރުން ތިން އަހަރުގައި ސުވާލުކުރުމުން ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ސުވާލު ތަކުރާރުކުރުމާއި އަދި ޖަވާބު ދިނުމަށް ބޭނުންކުރާ ޖުމްލަ ފުރިހަމަ ނުކޮށް ނިންމާލުން
- އުމުރުން ހަތަރު އަހަރުގައި ވާހަކަ ދައްކާއިރު ބަސް ބޭނުންކުރަންވާ ގޮތަށް ބަސް ބޭނުން ކޮށްގެން ވާހަކަ ނުދެއްކުން
- ބޭނުންކުރަން ވާގޮތަށް، ޖުމްލަ ބޭނުންކުރަން ނޭންގުން
- ގިނަ ބަސް ބޭނުންކޮށްގެން ޖުމްލަ ހަދަން އުދަގޫވުން
- ބަސް ހަނދާންކުރަން އުދަގޫވުން
- ފިލާވަޅު ދަސްކުރުމަށް އުދަގޫވުން
- އަމިއްލަ ނަފުސަށް ކުރާ އިތުބާރު ކުޑަވުން
- އެހެން ކުދިންނާއި އެކު ކުޅުމަށް އުޒުވެރިވުން
މިފަދަ ޑިސްއޯޑަރ ކުރިމަތިވެފައިވާ ކުދިން މުޖުތަމައުގައި އުޅުމުގެ ޤާބިލްކަން އިތުރުކޮށް ދިނުމުގެ ގޮތުން ލެންގުއޭޖް ތެރަޕީ އާއި ކައުންސެލިންގ ދީގެން ރަނގަޅު ކުރެވިދާނެއެވެ. ކައުންސިލިންގ ދިނުމުގެ މުހިންމު އެއްކަމަކީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކޮށްދިނުމަށް އެހީތެރިވުމާއި އަދި އެހެންކުދިންގެ ފަރާތުން މިފަދަ ކުދިންނަށް ދިމާވާ އުދަގޫތަކާއި މަލާމާތުގެ ބަސްތަކުން ދިމާވާ ނަފުސާނީ މައްސަލަތަކުން ރައްކާތެރިކޮށްދިނުމެވެ.


No comments:
Post a Comment