އެމެރިކާގައި އާއިލާއެއްގައި ގާތްގަޑަކަށް %80 ކުދިން އުޅެނީ އެކުދިންގެ އެއްބަނޑު އެއްބަފާ އެއްކުއްޖަކު ނުވަތަ ދެކުއްޖަކާއެކުގައެވެ. މީގެތެރޭގައި އަންހެންކުދިންނާއި ފިރިހެން ކުދިންވެސް ހިމެނެއެވެ. ކުޑަކުދިން އާއިލާގެ އެހެންކުދިންނާއެކު ބޮޑުވާނަމަ އެކުދިންގެ ވިސްނުމުގެ ތޫނުފިލިކަން އިތުރުވެ، އަދި ކުދިންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކުރަން ދަސްވެއެވެ. އުމުރުން ދެ އަހަރާއި ހަތަރު އަހަރާއި ދެމެދުގެ ކުދިން އެކުގައި ކުޅޭއިރު ކޮންމެ 10 މިނަޓަކުން އެކުދިންގެ މެދުގައި ހިޔާލުތަފާތުވެ ދެބަސްވުމަކަށް އާދެއެވެ. އަދި މިކަންތައް މަޑުމަޑުން ހަމަޔަކަށް އެޅެންފަށަނީ އުމުރުން ފަސް އަހަރާއި ހަތް އަހަރާ ދެމެދުއެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި އެއްބަނޑު އެއްބަފާ ކުދިންގެ މެދުގައި މާބޮޑަށް މައްސަލަޖެހި ހައްލުނުކުރެވޭ ވަރުވެއްޖެނަމަ އެކުދިން ގެ ފަރާތުން ޑިޕްރެޝަންގެ އަލާމަތްތައް ފެނިގެންދެއެވެ.
ކުދިންގެ މެދުގައި ބަހުގެ ހަމަލާތައްދީ އަދި ގަޔަށްއަތްލާ ތަޅާފޮޅާނަމަ މައިންބަފައިންނަށް ކުރެވިދާނެ ކަމަކީ ކޮބާ؟
މިކަންތައް ހައްލުކުރުމަށްޓަކައި މައިންބަފައިންނަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި މައްސަލަޖެހުމުން ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށްދިނުން، އެކުދިނަށް އެފަދަ ކަންތައް ތަކުރާރުނުކުރުމަށް އިންޒާރު ދިނުން އަދި އެއްވެސް ވަރަކަށް އެކަމާ އަޅާނުލުން ހިމެނެއެވެ. އުމުރުން ދެ އަހަރާއި ފަސް އަހަރާއި ދެމެދުގެ ކުދިންގެ މެދުގައި މައްސަލަ ޖެހޭއިރު ގިނަމައިން ބަފައިން މިކަމާ އެހާބޮޑަށް އަޅާނުލައެވެ.
ކުޑަކުދިންގެ ހާއްސަ ނަފްސާނީ ޑޮކްޓަރުން ބުނާގޮތުގައި އަޅާނުލާ ދޫކޮށްލުމަކީ އެހާ ރަނގަޅު ކަމެއްނޫނެވެ. އަދި މިކަމުގެ ސަބަބުން ކުދިންގެ މެދުގައި އިތުރަށް މައްސަލަތައް ޖެހި ދެބަސްވުން އެތައް ދުވަހަކަށް ދެމިގެންދެއެވެ.
މިފަދައިން، ކުދިންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމަށްދަސްކޮށް ދިނުމަށްޓަކައި ޑޮކްޓަރ ލައުރީ ކްރާމަރ ވަނީ '' މޯރ ފަން ވިތް ބްރަދާސް އެންޑް ސިސްޓާރސް '' ނަން ކިޔާ ޕްރްގާރާމެއް ޑިޒައިންކޮށް އުފައްދާފައެވެ. މި ޕްރްގްރާމަކީ ހާއްސަކޮށް އުމުރުން ހަތަރު އަހަރާއި އަށް އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން އުފައްދާފައިވާ ޕްރްގާމެކެވެ. މި ޕްރްގްރާމުގެ އެހީގައި އިސްނަގައިގެން ކުދިންގެ ތެރޭގައި ކުޅެން ދަސްވެ، ކުދިންގެ މެދުގައި އިޖުތިމާއީ ހުނަރު އިތުރުވެ، އެހެންކުދިންގެ އިހްސާސްތައް ދަސްވެ އަދި ކުދިންގެ މެދުގައި ޖެހޭ މައްސަލަތައް ފަސޭހައިން ހައްލުކުރަން ދަސްވުމުގެ އިތުރުން، ކުޅުމުގެ ތެރޭގައި އެއްކުއްޖަކު ރުޅިއައިސް ބޮޑާހާކާނަމަ އެފަދަ ކަންތައްތައްވެސް ހައްލުކުރަން ދަސްވެއެވެ. އަދި މި ޕްރްގާރާމް ބޭނުންކުރާ ބެލެނިވެރިން ބުނާގޮތުގައި، މި ޕްރޮގްރާމްގެ ސަބަބުން ކުދިންގެ މެދުގައި ޖެހޭ މައްސަލަތައް ދެނެގަނެވި، މައްސަލަ ޖެހުން މަދުވެއެވެ.
ކުދިންގެ މެދުގައި ހިނގާ ކަންތަކަކީ ހަމައެކަނި ކުދިންގެ މެދުގައި މައްސަލަޖެހުމެއްނޫނެވެ. މިއާ ހިލާފަށް، ކުދިންގެ މެދުގައި ލިބޭ އެއްޗެއް ހިއްސާކުރުމާއި، އެއްކުއްޖަކު އަނެއްކުއްޖަކު އެހީތެރިވުމާއި، ދެރަކަމެއް ދިމާވާ ވަގުތު އެހީތެރިވުމާއި އޯގާތެރިވުންވެސް ހިމެނެއެވެ.
އެއްބަނޑު އެއްބަފާ ކުދިންގެ ގުޅުން ދިރާސާ ކުރާފަރާތެއްކަމަށްވާ ޑޮކްޓަރ ޖުޑީ ދުން ބުނާގޮތުގައި ކުދިންގެ މެދުގައި މުހިންމު ތިން ގުޅުމެއް ވެއެވެ. މީގެ ތެރޭގައި ހިމެނެނީ:-
1.
އެއްކުއްޖަކު އަނެއްކުއްޖަކާ މެދު އޮންނަ ތަފާތު އިހްސާސްތައް:
މީގެ ތެރޭގައި ޕޮޒިޓިވް އަދި ނެގެޓިވް އިހްސާސްތައްވެސް ހިމެނެއެވެ. ފުރާވަރަށް އަރާ ގިނަ ކުދިން، އެކުދިންގެ އެއްބަނޑު އެއްބަފާ ކުދިންނާ މެދު ދެކެނީ ވަރަށް މަސްހުނިވި ގޮތަކަށެވެ.
2. އާއިލީ ވަންތަކަމާއި ގާތް ރަހުމަތްތެރިކަން:
އާންމު ގޮތެއްގައި އާއިލާއެއްގެ ތެރޭގައި އެއްކުއްޖަކު އަނެއްކުއްޖަކު ވަރަށް ރަނގަޅަށް ދަނެއެވެ. އަދި ބައެއްކުދިން އެއްކުއްޖަކު އަނެއްކުއްޖަކާ އެހީތެރިކަން ފޯރުކޮށްދެއެވެ. އަދި ބައެއްކުދިން އެއްކުއްޖަކު އަނެއްކުއްޖާ ޖެއްސުންކޮށްވެސް ހަދައެވެ. އަދި އެހީތެރިވުމާއި ޖެއްސުން ކުރުންވެސް ބަދަލުވެގެންދަނީ ދިމާވާ ހަލަތްތަކާ ގުޅިގެންނެވެ.
3.
ތަފާތު އެހެނިހެން ގުޅުންތައް:
ހިޔާލުތަފާތު ކަންތައްތަކެއް ހުރިކަމުގައި ވީނަމަވެސް ގިނަކުދިން ދެކޭގޮތުގައި، އެހެންކުދިންނާއި އޮންނަ ގުޅުމަށްވުރެ އެކުދިން އެއްނބަޑު އެއްބަފާ ދައްތަ ނުވަތަ ބޭބެ އާއި ދެމެދު އޮންނަ ގުޅުން ހަރުދަނާވެފައި މާރނަގަޅެވެ. އަދި ފުރަތަމަ ނުކުތާގައި މަސްހުނި ހިޔާލުތަކެއް ގެންގުޅޭކަމުގައި ބުނިނަމަވެސް ފުރާވަރަށް އަރާ ގިނަ ކުދިންވެސް އެކުދިންގެ ބޭބެ ނުވަތަ ދައްދަ އަށް ދިމާވާ އެކިއެކި ކަންތައްތަކުގައި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުންދޭކަންވެސް ފާހަގަކުރެވެއެވެ.


No comments:
Post a Comment