އަހަރެންގެ ހިތްބުނަމުން ދިޔައީ އެކަން
ނުކުރުމަށެވެ. އެހެންނަމަވެސް އަހަރެން ޒަމީރު އެކަން ގަބޫލެއް ނުކުރިއެވެ. މިއަދު
އަހަރެން ނަށް މިހެން ވާންޖެހުނުނީ އެދުވަހު ވިސްނަން ވާވަރަށް ނުވިސްނީމައެވެ.
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ދެން އޮތްގޮތަކީ މާޒީ ހަނދާން ނައްތާލުމެވެ.
އެއީ އަހަރެންގެ ހަޔާތުގެ ވަރަށް ހިތްދަތި
ދުވަސްތަކެވެ. ހަނދާންނައްތާލަން ބޭނުންވާ ދުވަސްތަކެވެ. ނަމަވެސް އަހަރެންގެ
ތިންއަހަރަށްދާ ދަރިފުޅު '' ފައިނާ '' ގެ ސަބަބުން
އެހަނދާންތަކާއި ދުރަށް ދެވޭގޮތެއް ނުވިއެވެ. އަހަރެން އުމުރުން 18 އަހަރު ވުމާއެކު
އަހަރެން '' މުނާޒް '' އާއި ކައިވެނި ކުރަންޖެހުނީ އަހަރެންގެ ނުރުހުމުގައެވެ.
މަޖޫބޫރީ ހާލަތުގައެވެ. އަހަރެންގެ މައިން ބަފައިންނަށް ޓަކައެވެ. އަހަރެން ބައްޕަ
މުނާޒު އަތުން ނެގި ލޯނެއް ނުދެއްކިގެންނެވެ. ބައްޕައަށް ދެރަގޮތެއް ވާން
ބޭނުންނުވާތީއެވެ.
މުނާޒް އަހަރެންނާ އިނީ އަހަރެން ދެކެ
ލޯބިންނެއް ނޫނެވެ. އޭނަގެ ސަބަބުން އަހަރެން މުޅި ދިރިއުޅުން ހަލާކުވީއެވެ.
ކައިވެނީގެ ފުރަތަމަ ރޭވެސް އޭނަ އަހަރެންނަށް އަނިޔާ ކުރަންފެށިއެވެ.
އިސްތަށިގަނޑުގައި ހިފާ ދަމާގަނެ ބިންމައްޗަށް ވައްޓާލިއެވެ. އަދި ގައިގެ އެތަންމިތާ ފައިން ތަޅަންފެށިއެވެ. ހަދާނެގޮތް އަހަރެން
ހުސްވިއެވެ.
އޭނާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް
ބިރުވެރިކަން ވަންނަށް ފެށިއެވެ. މުޅި މީހާ ހާސްވެ ހަނދާނެގޮތް ހުސްވަމުން
ދިޔައެވެ. އަހަރެންގެ މޯބައިލްފޯނު އަހަރެންގެ އަތުން އަތުލިއެވެ. ރައްޓެހިންނާއި
ގަތާތްތިމާގެ މީހުންނާ ބައްދަލުކުރުން މަނާކުރިއެވެ. އަހަރެންގެ މައިން ބަފައިންނާ
ބައްދަލެއް ނުކުރެވެއެވެ. އަބަދުވެސް އިންނަން ޖެހެނީ ކޮޓަރިތެރޭގައި
ބަންދުވެފައެވެ.
މުނާޒް ބޭރަށްދާ ކޮންމެ ފަހަރަކު ދަނީ ދޮރު
ތަޅުލާފައެވެ. މުޅި ދުވަހު އަހަރެންގެ ކަމަކީ ހިތާމަކޮށް ރުއިމެވެ. މުނާޒްގެ
ކައިވެންޏަށް އަހަރެއް ވެގެން ދިޔައިރު އަހަރެން ވަނީ އޭނަގެ ކުއްޖަކަށް
ބަލިވެއިދެފައެވެ. އަހަރެން އޭނައަކަށް ކުއްޖަކު ބޭނުމެއްނުވިއެވެ. ނަމަވެސް
އަހަރެންނަކަށް އެނޫންގޮތެއްނެތެވެ. މުނާޒް އަށް އަހަރެން ބަލިވެއިންކަން އެގުމުން،އޭނަ އަކަމާ ވަރަށް ހިތްހަމަނުޖެހުނެވެ. ނަމަވެސް އަހަރެން އާދެސްކޮށް ރޮއި
ހެދުމުން ޑޮކްޓަރަށް ދައްކަން އެއްބަސްވިއެވެ. އަދި ފަހުން މީހުންގެ ކުރިމަތީގައި
އަހަރެންދެކެ ވަރަށް ލޯބިވާކަމަށް ހެދިގެން އުޅެއެވެ. ނަމަވެސް ގެއަށް އައިސް އެއްގޮތަކަށްވެސް
އަހަރެންނަކާއި އަޅައެއްނުލައެވެ.
މިހާރު އަނީޔާ ކުރުން ހުއްޓިއްޖެއެވެ. ނަމަވެސް
ގެއަށް އަންނަނީ ވަރަށް މަދުންނެވެ. ދުވާލަކު އެއްފަހަރަކު ކަހަލަގޮތަކަށެވެ.
ބައެއް ފަހަރު ހަފުތާއެއް ވާއިރުވެސް ނުފެނިހުރެވެ. ގެއިން ބޭރަށްދިޔުމާއި
ރައްޓެހިންނާއި ބައްދުލުކުރިޔަސް ރުޅިއެއްނާދެއެވެ. އަހަރެން ހީކުރީ މުނާޒް
ބަދަލުވަމުން އަންނީކަމަށެވެ. އަހަރެން ބަލިވެ އިނުމާއި އެކު އަހަރެންނަށް
ހަމްދަރުދީވީކަމަށެވެ. ނަމަވެސް ފަހުން އެގުނީ އޭނަ މީހާރު އެހެންކުއްޖަކާ
ކައިވެނި ކޮށްގެން އޭނަގެ ދިރިއުޅުން އޮސްޓްރޭލިޔާއަށް ބަދަލުވާން އުޅޭވާހަކައެވެ.
އަހަރެން މިހާލުގައި އިންދާ ދޫކޮށްލާފައި ދާތީ
ދެރަވިއެވެ. އަދި އޭނަގެ ކިބައިން ސަލާމަތްވާތީ އުފާވެސްވިއެވެ. އަހަރެން
ވަރިކޮށްފައި ދިއުމަށް އޭނަކައިރީގައި ބުނީމެވެ. ނަމަވެސް އަހަރެން އާދެސްކޮށްވެސް
ވަރިއެއްވެސް ނުކުރިއެވެ.
ހަފުތާއެއްވީއިރުވެސް އޭނަގެ ހަބަރެއްނުވިއެވެ.
ފަހުން އެގުނުގޮތުގައި އޭނަ ފުރައިގެން އޮސްޓްރޭލިޔާއަށް ދިޔައީއެވެ. އަހަރެން މި އެކަނިވެރި
ހާލުގައި ދޫކޮށްލާފައެވެ. އަހަރެންގެ ބަނޑަށް ފަސްމަހުގައި ޑޮކްޓަރަށް ދެއްކުމުން
އެހާބޮޑަށް ކަންތައްތަކާ ނުވިސްނުމަށް އެންގިއެވެ. އަދި އެކަމުގެ ސަބަބުން ކުއްޖާއަށް
އޭގެ އަސަރުކުރާނެ ވާހަކަވެސް ޑޮކްޓަރ ބުންޏެވެ. ނަމަވެސް ހިތްހަމަޖެހިގެން
އުޅެވޭތޯ ވަރަށް ބެލީމެވެ. އަހަރެންނަށް ދިމާވި މި ހިތާމަވެރި ކަމުގެ ސަބަބުން
ބޭއިހްތިޔާރުގައިވެސް ވިސްނެނީއެވެ.
އަހަރެންގެ މި ހިތާމަވެރި ދިރިއުޅުމަށް
އުފާވެރިކަން ގެނެސްދިނީ އަހަރެންގެ ލޯބިލޯބި ދަރިފުޅެވެ. އޭނަ ލިބުމާއެކު
އަހަރެން އޭނާ އަށްޓަކައި ދިރިހުރުމަށް އަޒުމްކަނޑައެޅީމެވެ. ދަރިފުޅަކީ މުނާޒަށް
ލިބުނު ކުއްޖެއްކަމުގައި ވިޔަސް އެދަރިފުޅުގެ ކުށެއްނެތްކަން އަހަރެންނަށް
އިހުސާސްވިއެވެ. އެއީ އަހަރެންގެ ދެލޮލުގެ ނޫރެއްފަދަ ކުއްޖެކެވެ. އޭނަ ފެނުމާއެކު
އަހަރެން އުފަލުން ގޮސް ރޮވެއެވެ. އަދި މާތްﷲގެ ރަހްމަތްފުޅުން ދަރިފުޅަކަށް
އެއްވެސް އަސަރެއްނުކުރެވެ. މިއަދު އަހަރެންގެ މައިންބަފައިންވެސް އެ ކުރެވުނު
ކަންތަކާއި ހިތާމަކުރެއެވެ. އަދި ފަހުން ކޯޓަށްގޮސްގެން މުނާޒްގެ އަނިޔާވެރިކަމުން
ވަނީ ސަލާމަތްވެފައެވެ. އަދި އަބަދުވެސް މި މަސައްކަތްކ ކުރަމުންދަނީ އެހިތްދަތި
ހިތާމަވެރި ހަނދާން ތަކާއި ދުރަށް ދެވޭތޯއެވެ.
(ނިމުނީ)

No comments:
Post a Comment