އޮފީހުގައި ބުރަ
މަސައްކަތުގައި އުޅުމަށްފަހު ގެއަށް އައީ ހިތްހަމަޖެހިގެން ނިދާލުމުގެ
ބޭނުމުގައެވެ. ނަމަވެސް ގެއަށް އައިސް ވަނުމާއެކު ފެނުނީ ބަލަން ބޭނުންވި
މަންޒަރެއްނޫނެވެ. ހަނީފު ވަރަށް ހިތްހަމަ ނުޖެހިފައި ކޮޓަރިތެރޭގައި ހުއްޓެވެ.
އަހަރެން ކޮޓަރި ތެރެއަށް ވަންނަށް މަސައްކަތްކުރީމެވެ. ނަމަވެސް އެކަން ވީ ބޭކާރު
ކަމަށެވެ. ހަނީފު އަހަރެން ގައިގައި އަޅާ އޭނައާއި ދުރަށް ކޮއްޕާލިއެވެ. ދެން
ދުވަހަކުވެސް އަހަރެން އޭނަގެ ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ބޭނުން ނުވާކަހަލަ
ގޮތަކަށެވެ. އަހަރެންގެ ހިތް ކުދިކުދި ވިކަހަލައެވެ. މިޔަދު ހަނީފު ހާދަ
ބަދަލުވެއްޖެއެވެ. އެއީ މީގެ ކުރިން އަހަރެން ދެކެ ލޯބިވީ ހަނީފު އެއް ނޫނެވެ. އަހަރެންގެ
މުޅި މޫޑު ބަދަލުވިއެވެ. އެއްވެސް ކަމެއް ކުރަން ބޭނުން ނުވެފައި ގަބުވެފައި
ކޮޓަރި ދޮރުމަތީގައި ހުރެވުނީ ކިހާ އިރެއްވަންދެން ކަމެއްވެސް ނޭގުނެވެ. އަހަރެން
ސިއްސައިގެން ދިޔައީ ގޭގެ ދޮރު މީހަކު ލެއްޕި އަޑަށެވެ. ކާކުތޯ ބެލުމަށްޓަކައި ދޮރާ
ދިމާލަށް ދުއްވައި ގަތީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކޮޓަރި ތެރެއަށް
ވަދެ ހަނީފު ފެނޭތޯ ބެލީމެވެ. ޔަގީނެއެވެ. ގެއިން ނިކުމެގެން އެ ދިޔައީ
ހަނީފުއެވެ. އަހަރެން މާޔުސްވެގެން ހުރެ ކޮޓަރި ތެރެއަށް ވަނީމެވެ. އަރާމު ކޮށްލުމަށްޓަކައި
އެދުގައި އޮށޯތީމެވެ. ނިދޭތޯ ބެލުމަށްޓަކައި އަހަރެންގެ ދެލޯ މަރާލީމެވެ. ފެންނަނީ
ހަނީފުގެ މޫނެވެ. ހަނީފުގެ ރީތި ހިނިތުންވުމެވެ. ފުރަތަމަ ހަނީފު އާއި
ބައްދަލުވިއިރު އަހަރެންނާއި ދިމާލަށް ވީ ހިނިތުންވުމެވެ.
އަހަރެންނާއި ހަނީފު
ބައްދަލުވީ ފިހާރަ އެއްގެ ތެރެއިންނެވެ. އެއީ ފިހާރައިގެ ތެރެއިން ހަނީފު ނިކުތް
ވަގުތާއި އަހަރެން ފިހާރައިގެ ތެރެއަށް ވަތް ވަގުތެވެ. ދެމީހުންގެ ހަތަރު ކަޅި
ބައްދަލުވި ވަގުތު ފުރަތަމަ އަހަރެންނާއި ދިމާލަށް ހީލީ ހަނީފު އެވެ. ވަރަށް
ލޯބިންނެވެ. ހީވަނީ ކުރިން ހަނީފު އަހަރެން ދަންނަ ހެންނެވެ. އޭނަ ހިނިތުންވީ ގާތް
އެކުވެރިއެއް ނުވަތަ ލޯބި ވެރިޔަކާއި ދިމާލަށް ހީލާހެންނެވެ. އޭގެ ދެދުވަސް
ފަހެވެ. ދެމީހުންނަކީވެސް ފޭސްބުކު ރަހުމަތްތެރިންނަށް ވަނީ ވެފައިއެވެ. ފުރަތަމަ
ފްރެންޑް ރިކްއެސްޓް ފޮނުވީ ހަނީފުއެވެ. އަހަރެން އުފާލާއެކު އެކަން
ގަބޫލުކުރީމެވެ. ދެމީހުން އެކަކު އަނެކަކާއި ފޯނު ނަމްބަރު ބަދަލުކުރީމެވެ.
ދެމީހުންގެ ގުޅުން ދުވަހަކަށް ފަހު ދުވަހަކު ބަދަހިވަމުން ދިޔައެވެ. ދެމީހުން
އެކަކު އަނެކަކުގެ އެހީތެރީކަމާއި ނުލައި ނޫޅެވޭ ވަރަށް ގުޅުން ބަދަހިވިއެވެ.
ހަނީފު އެންމެ ދުވަހަކަށް ނަމަވެސް އަހަރެންގެ ލޮލަށް ނުފެނިއްޖެނަމަ، މުޅި ދުވަސް
އެތައް އަހަރު ތަކަކަށް ދެމިގެން ދާކަހަލައެވެ.
އެންމެ ފަހުން އަހަރެން ކައިވެނި
ކުރަން ނިންމީމެވެ. ނަމަވެސް ހަނީފު ފުރަތަމަ އަހަރެންނާއި ކައިވެނި ކުރާކަށް
ބޭނުމެއް ނުވިއެވެ. ހަނީފު ބޭނުންވަނީ ދެމީހުން އަދި އެކުގައި ދެތިން އަހަރު
އުޅުމަށެވެ. ނަމަވެސް ކައިވެނި ނުކޮށް އެހާ ގިނަ ދުވަހު އެކުގައި އުޅޭކަށް
އަހަރެން ބޭނުމެއްނުވިއެވެ. އާއިލާގެ މީހުންނާއި ގާތް އެކުވެރި ރަހުމަތް ތެރިންވެސް
ބޭނުންވަނީ ދެމީހުން ކައިވެނި ކޮށްގެން އެކުގައި ތަންތަނަށް ގޮސް އުޅުމަށެވެ.
އަހަރެން ހަނީފު އަށް ވިސްނައި ދެވޭތޯ ބެލީމެވެ. ހުދު އަހަރެންވެސް ހަނީފުއާއި ކައިވެނި
ނުކޮށް އެހާ ގާތް ގޯޅިވެގެން ގިނަ ދުވަހު ދުވަސްތައް ހޭދަކުރާކަށް ބޭނުމެއް
ނުވިއެވެ. ދެމީހުންނަކީވެސް ރަނގަޅު ވަޒީފާ ގައި އުޅޭ ދެމީހުން ކަމުން ފައިސާގެ
އެއްވެސް ދަތިކަމެއް ނެތި އަރާމުގައި ދެމީހުންނަށްވެސް އުޅެވޭނެކަން އެގެއެވެ.
އެހެންވެއްޖިއްޔާ ދެން ކައިވެނި ނުކޮށް ހުރުމުގެ ބޭނުމެއް ނޭގުނެވެ. ދެމީހުންވެސް
އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. ހަނީފު އަހަރެންނާއި ކައިވެނި
ކުރުން، ފަސްކުރަން އުޅޭ ސަބަބެއް އެއްގޮތަކަށްވެސް އަހަރެންނަކަށް ނުވިސްނުނެވެ.
މިކަމުގައި އަހަރެންގެ ހިތްވެސް ބުނަމުން ދިޔައީ ހަނީފު އާއި އަވަހަށް ކައިވެނި
ކުރުމަށެވެ.
އަހަރެންގެ އެދުމުގެ
މަތިން، އެންމެފަހުން ހަނީފު އަހަރެންނާއި ކައިވެނި ކުރިއެވެ. ކައިވެނީގެ ފުރަތަ
ދުވަސްތައް ގުނަމުން ދިޔައީ ވަރަށް އުފަލާއެކުގައެވެ. ހަނީފު ކައިވެންޏަށް
އޭރުގައި ދެކޮޅު ހެދިކަމުގައި ވިޔަސް، ކައިވެނި ކުރިފަހުން ހަނީފުގެ ފަރާތުން
އިތުރަށް އަހަރެންނަށް ލޯބި ލިބިގެން ދިޔައެވެ. ބައެއް ފަހަރު ހަނީފު ހީވަނީ
އަހަރެން ގެއްލި ދާނެހެން އުޅޭ ހެންނެވެ. އެހާވެސް އަހަރެން ދެކެ ލޯބިވެއެވެ.
ނަމަވެސް ކައިވެންޏަށް ތިން މަސް ވީތަނާހެން އަހަރެމެން ދެމީހުންގެ ގުޅުން
ހީނަރުވާހެން ހީވާން ފެށިއެވެ. ބައެއް ފަހަރު ހަނީފު ކުރިން ދައްކާ ގޮތަށް ވާހަކަ
ދެއްކުން ހުއްޓާލިއެވެ. އަހަރެން ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް ޖާވާބު ނުދީ
ހުރެދާނެއެވެ. މިކަމާއި އަހަރެންގެ ހިތް ބިރުގަންނަށް ފެށިއެވެ. ހަނީފު އަހަރެންގެ
ހަޔާތުން އެއްގޮތަކަށްވެސް ބީވެގެން ދާކަށް ބޭނުމެއް ނުވިއެވެ.
ހަނީފު އަށް ވެގެން އުޅޭ
ގޮތް ސާފުކުރެވޭތޯ އެކި ގޮތްގޮތުން އަހަރެން ހަނީފު އާއި ސުވާލުކުރަން ފެށީމެވެ.
ނަމަވެސް ގިނަގިނައިން އަހަރެން ސުވާލު ކުރާވަރަކަށް ހަނީފު ގާތަށް އަންނަނީ
ރުޅިއެވެ. ހަނީފުގެ އަމަލުތައް ހުންނަ ގޮތުން އަހަރެންނަށް ރޮވެއެވެ. ނަމަވެސް
އެކަން އެއްވެސް ވަރަކަށް ހަނީފުއަށް ފެންނަކަމަކަށް ނުވެއެވެ. ކުރިން
އަހަރެންނަށް ކިރިޔާ ކަމެއް ވާއިރަށް އައިސް ލޯބިން ގައިގައި ފިރުމަން ފަށައެވެ.
ލޮލުން ކަރުނަ ތިއްކެއް ފެނުނަސް އައިސް ލޯބިން ފުހެލައެވެ. ނަމަވެސް މިޔަދު
މިފެންނަނީ އޭގެ އިދިކޮޅެވެ.
އަހަރެން ގެއްލިފައިވާ
ހިޔާލުތަކުން ދުރުކޮށްލީ މީހަކު ކޮޓަރި ތެރެއަށް ވަތް އަޑަށެވެ. ވަށައިގެން ހޯދާލީމެވެ.
އަލަމާރި ކައިރީގައި ހަނީފު ހުއްޓިގެން ހުއްޓާ ފެނުނެވެ. ބޭއިހްތިޔާރުގައި
ދުވެފައި ގޮސް ފުރަގަހުން ހަނީފުގެ ގައިގާ ބައްދާލީމެވެ. ނަމަވެސް މަޑުމަޑުން
ހަނީފުގެ ގަޔާއި އަހަރެން ދުރުކޮށްލިއެވެ. އެއްވެސް ރަހުމަތް ނެތް ގޮތަކަށެވެ.
މިޔަދު އަހަރެން އެއްވެސް ވަރަކަށް ހަނީފު އަށް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.
ބޭނުން ވަނީ ވެގެން އުޅޭ ގޮތެއް ސާފުކުރުމަށެވެ. އިތުރަށް ހަނީފު ހަދާގޮތެއް
ބެލުމަށްތަކައި ދެވަނަ ފަހަރަށް ހަނީފުގެ އަތުގައި ހިފީމެވެ. ނަމަވެސް މި
ފަހަރުވެސް އަހަރެންގެ އަތް ފޮޅުވާލިއެވެ. އަހަރެންނަށް އަޑުގެ ނެތްތަނަށް ރޮވެން
ފެށިއެވެ. މިޔަދު އަހަރެންގެ ކުށަކީ ކޮބައިތޯ ސުވާލުކުރީމެވެ. ޖަވާބު ދިނުމުގެ
ބަދަލުގައި ހަނީފު އަހަރެންގެ އިސްތަށިގަނޑުގައި ހިފިއެވެ. އަދި އަތަށް ލާ
ބޮޑިކޮށްލުމަށްފަހު ގަޔާލާ ކައިރިކޮށްލިއެވެ. ދެން ބުނެލީ ތިހިރީ
ވަރިކޮށްފަކަމަށެވެ. މިޔަދުން ފެށިގެން އަހަރެންނަކީ ހަނީފު އަތްބެއް ނޫކަމަށެވެ.
ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ވީ ގޮތެއްވެސް ނޭގުނެވެ.
އަހަރެންނަށް ހޭވެރިކަންވީ
ހޮސްޕިޓަލުގައި އޮށްވައެވެ. ލޯ ހުޅުވާލިއިރު ވަށައިގެންތިބީ ގާތް ތިމާގެ
މީހުންނާއި ރައްޓެހިންނެވެ. ނަމަވެސް އަހަރެން ބޭނުންވީ ހަނީފު އަހަރެން ގާތުގައި
ހުރުމަށެވެ. ހަނީފު ކޮބައިތޯ އަހަރެން ސުވާލުކުރީމެވެ. އެއްވެސް މީހަކު ޖަވާބެއް
ނުދިނެވެ. އެންމެންވެސް ތިބީ މާޔޫސް ވެފައެވެ. ހީވަނީ ކަމެއް ސިއްރުކުރަން
އުޅޭހެންނެވެ.
އެއްދުވަސް ފަހުން
އަހަރެން ހޮސްޕިޓަލުން ދޫކޮށްލިއެވެ. ހަނީފު އާއި ގުޅޭތޯ ބެލުމަށްޓަކައި އޭނަގެ
ފޯނަށް ގުޅީމެވެ. ނަމަވެސް ފޯނުވަނީ ނިއްވާލާފައެވެ. ފޫހިވެގެން ހުރެ އަހަރެން ގޭ
ތެރޭގައި އޮތް ނޫހެއް ނެގީމެވެ. ފުރަތަމަވެސް ފެނުނީ ހަނީފުގެ ފޮޓޯއެކެވެ. ފޮތޯ
މަތީގައި އިން ސުރުހީ ކިޔާލީމެވެ. އޭގައި ވަނީ '' މަސްތުވާ ތަކެތީގެ
މައްސަލައެއްގައި ހަނީފު ހައްޔަރު ކުރިވާހަކަ '' އެވެ. މިކަން އަހަރެންނަކަށް
ގަބޫލެއް ނުކުރެވުނެވެ. އަހަރެންނަށް ހަނީފުގެ ފަރާތުން، މީގެކުރިން މިފަދަ
އެއްވެސް އަމަލެއް ފެނިފައިނުވެއެވެ.
އަހަރެން ޕޮލިސް
ސްޓޭޝަނަށް ދިޔައީމެވެ. ހަނީފު އާއި ބައްދަލުކުރީމެވެ. ހަނީފު ވަރަށް ދެރަވެ ހުރެ
މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އަހަރެން ގާތުގައި އިއުތިރާފުވިއެވެ. އަދި
ބޭނުންވަނީ ފަރުވާ ލިބިގެން ރަނގަޅުވާން ކަމަށް ބުނަމުން ދިޔއެވެ. އަހަރެން ކޮންމެ
ހާލެއްގައި ނަމަވެސް ހަނީފު ރަނގަޅު ކުރަން މަސައްކަތްކުރަން ބޭނުންވިއެވެ.
އަހަރެންގެ ހިތްވެސް ބުނަމުން ދިޔައީ ހަނީފު އަދި އަހަރެންގެ ހަޔާތަށް އެބުރި
އަންނާނެކަމަށެވެ. ވަކީލެއްގެ އެހީތެރިކަމާއެކު ޖަލު ހުކުމުން އަހަރެން ހަނީފު
ސަލާމަތްކުރީމެވެ. ފަރުވާ ދިނުމަށްޓަކައި ފަރުވާ ދޭ މަރުކަޒަށް ފޮނުވާ ލީމެވެ.
އޭގެ ހަމަސް ދުވަސް
ފަހުން ހަނީފު ގެއަށް ބަދަލު ކުރިއެވެ. އަހަރެން އޮފީހުން ޗުއްޓީ ނެގުމަށް ފަހު
ހަނީފު އާއެކު ވަގުތު ހޭދަކުރަން ފެށީމެވެ. އަބަދުވެސް ހަނީފު އާއި އެންމެ
ގާތުގައި ހުރެވޭތޯ ބަލަން ފެށީމެވެ. ހަނީފު ގެއަށް ބަދަލުކުރީ ކޮންމެ ހަފުތާއަކު
އެއްފަހަރު ޔޫރިން ޓެސްޓު ކުރަން ތިންމަސްވަންދެން ސެންޓަރަށް ދާގޮތަށެވެ.
ތިންމަސް ދުވަސް
ފާއިތުވެގެން ދިޔައިރު ހަނީފުގެ ފަރާތުން މަސްތުވާތަކެތި ބޭނުން ކުރާ ކަމުގެ
އެއްވެސް އަލާމަތެއް ނުފެނުނެވެ. މިޔަދު ހަނީފު އަކީ ބަރާބަރަށް ފަސްވަގުތު ނާޅާ
ނަމާދު ކުރާ މީހެކެވެ. އަދި މިހާރު ކުރިއަށްވުރެންވެސް ބޮޑަށް އަހަރެން ދެކެ
ލޯބިވާހެން ހީވެއެވެ.
ހަނީފު އެންމެ ފަހުން
ކައިވެނި ކުރުމަށް އަހަރެންގެ ގާތުގައި އެދުނެވެ. އަހަރެން އުފަލުން އެކަން ގަބޫލުކުރީމެވެ.
މިއީ އަހަރެންގެ ހިތް ނުކިޔަމަންތެރި ވުމުގެ ފޮނި ނަތީޖާއެވެ. އަހަރެން އެންމެ
ލޯބިވި މީހާ ދެވަނަ ފަހަރަށް އަހަރެންގެ
ހަޔާތުގެ ބައިވެރިޔަކަށް ވީއެވެ. ( ނިމުނީ )

No comments:
Post a Comment