ކުރިން ލިޔެފައިވާ ބައެއް
ލިޔުންތަކުގައި ޑިޕްރެޝަންއަކީ ކޮބައިކަމާއި އަދި ޑިޕްރެޝަންގެ އަލާމަތްތަކާއި
ބެހޭ ގޮތުން ލިޔެފައިވާނެއެވެ. ތިމާއަކީ ޑިޕްރެޝަން ހުންނަ މީހެއްކަމަށްވާނަމަ،
ޑޮކްޓަރ އަށް ދެއްކުމުން އެކަމުގެ ފަރުވާ އެއްގެ ގޮތުގައި ބޭސް ބޭނުން ކުރުމުގެ
އިތުރުން ބައެއް ކަންތައް ކުރަން ބުނެފައިވެދާނެއެވެ. ޑިޕްރެޝަންއަށް ބޭނުން ކުރާ
ބޭސް ބޭނުންކޮށްގެންވެސް އެކަމުގެ ފަރުވާއެއް ނުލިބިއްޖެނަމަ ޑޮކްޓަރގެ ލަފަޔާއި
އިރުޝާދުގެ ދަށުން ތިރީގައި މިވާ ބައެއް ކަންތައް ކުރެވިދާނެއެވެ.
1.
ބަރާބަރަށް ކަސްރަތުކުރުން؛ ކަސްރަތުކުރުމަކީ
ހަށިގަނޑުގައި ލޭގެ ނިޒާމު ދައުރު ކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. މިކަން
ކުރުމަށްޓަކައި މެރަތަން އަށް ދުވާހެން ދުވާކަށް ނުޖެހޭނެވެ. ހަފްތާއަކު
ފަސްދުވަހު ބައިގަޑިއިރު ހިނގާލުމުންވެސް ފުދޭނެއެވެ.
2.
ރަނގަޅަށް ފުރިހަމަޔަށް ނިދުން؛
ޑިޕްރެޝަންގެ އަލާމަތް ހުންނަ މީހުންނަށް ނިދުމަކީ ވަރަށް އުދަގޫކަމެކެވެ. އެހެން
ކަމުން ޑޮކްޓަރގެ އިރުޝާދުގެ ދަށުން އިތުރު އެހެން ބައްޔެއް ހުރިތޯ ޓެސްޓުތައް
ހެދުމަށްފަހު ފަސޭހައިން ނިދޭނެ ފަދަ ކަސްރަތުތަކެއް ކުރާށެވެ. ނިދަން
އުދަގޫވާނަމަ، ނިދާވަގުތުގައި އެދުމަތީގައި އިށީދެގެންހުރެ، ކުރާކަހަލަ އެއްވެސް
މަސައްކަތެއް ނުކުރާށެވެ. އަދި މީގެ އިތުރުން ތިރީގައި މިވާ ކަންތައްތައް
ނުކުރުމަށް ސަމާލުކަން ދޭށެވެ. ނިދާގަޑީގައި ޓީ.ވީ ނުބެލުމާއި އަދި ކޮމްޕިޔުޓަރ
ފަދަ ތަކެތި ބޭނުން ނުކުރާށެވެ.
މީގެ އިތުރުންވެސް ތިރީގައި މިވާ ކަންތައް ކުރުމަށް ސަމާލުކަން ދޭށެވެ.
·
ދުވާލު ގަޑީގައި ނުނިދުން
·
ކޮންމެ ރެޔަކުވެސް އެއްވަގުތެއްގައި ނިދުމަށް އާދަކުރުން
·
ނިދާވަގުތު ކޮޓަރިތެރެ އަދިރިކޮށްފައި ބެހެއްޓުން
·
ނިދަން ބޭނުންކުރާ އެދު ހަމައެކަނި ނިދުމަށްޓަކައި ހާއްސަކޮށްފައި ބެހެއްޓުން
·
ކޮޓަރިތެރެ ރަނގަޅު ޓެމްޕަރޭޗަރ އެއްގައި ބެހެއްޓުން
·
ނިދަން ކައިރިވެފައި ހުއްޓާ ކޮފީ، އަލްކަހޯލު އަދި އެހާ ބަރު ކެއުމެއް
ނުނެގުން
·
ހެނދުނު ނުވަތަ ހަވީރު އާދަވެގެން ކަސްރަތުކުރުން.
މީގެ އިތުރުން ގާތް އެކުވެރި
ރައްޓެހިންނާއެކު އަދި އާއިލާގެ މެމްބަރުންނާއެކު ގިނައިން ވަގުތު ހޭދަކުރާށެވެ.

No comments:
Post a Comment