މިޔަދަކީ އަހަރެންގެ
އަނބިމީހާ އަހަރެން ދޫކޮށްދިޔަތާ، އެއް މަސް ދުވަސް ވީދުވަހެވެ. އޭނަގެ މަތިން
ހަނދާންވާ ކޮންމެ ފަހަރަކު އިންތިހާ އަށް ދެރަވެ. މިޔަދަކީ އާދަޔާ ޚިލާފަށް
އަނބިމީހާ މަތިން ހަނދާންވާ ދުވަހެކެވެ. ގިސްލަ ގިސްލާފައި ބާރަށް ރޯން
ބޭނުންވިއެވެ. އެއްވެސް ކަމެއް ކުރާ ހިތެއް ނުވެއެވެ. ހަދާނެގޮތް މުޅިން ހުސްވި ކަހަލައެވެ. އަހަރެން އެންމެ
ލޯބިވާ އަނބިމީހާ އަހަރެން ދޫކޮށް ދިޔައީ ކޮންތަނަކަށް ކަމެއްވެސް ނޭގުނެވެ. މުޅި
ކޮޓަރިތެރެއަށްވަނީ އަނދިރިކަން ފެތުރިފައެވެ. ކޮޓަރި ތެރޭގައި ހުރި ބޮކި ދިއްލާނެ
ހިތްވަރެއްވެސް މިޔަދު އަހަރެން ކިބާގައިނެތެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
އެކަމާއި މެދު ވިސްނަށް އޮށްވާ ކުއްލި އަކަށް އަހަރެން ނަށް އަޑު އިވުނީ ބަންގި
ގޮވާއަޑެވެ. ވަރަށް ހިތްވަރު ކޮށްފައި ނަމާދަށް ދިއުމަށްޓަކައި ހިގައި ގަތީމެވެ.
ތެދުވި ތަނާހެން އަހަރެންނަކަށް ވީ ގޮތެއް ނޭގުނެވެ. ހަމަ އެގުނުހާވެސް ކަމަކީ އަރި
އަޅާލިކަމެވެ.
ހޭލެވުނު އިރު އޮތި
ހުދުކުލައިގެ ބެޑުޝީޓެއް އަޅާފައި އޮތް އެދެއްގެ މަތީގައި ބާއްވާފައެވެ.
ބޯދޮށުގައި އޮތް ބާލިހު އުރަވެސް ވަނީ ހުދުކުލައިގައެވެ. އަހަރެން އެނބުރި ކަނާއަތަށް ބަލާލީމެވެ. ފެނުނީ އަތުގައި މަލަން
ގަނޑެއް އަޅާފައި އޮތްވައެވެ. ދެފަރާތަށް ވަށާގެން ބަލާލީމެވެ. އެއްވެސް މީހަކު
ފެންނާކަށްނެތެވެ. އިތުރަށް ހާސްވެ ކަންބޮޑުވާ ގޮތްވިއެވެ. ކުޑައިރުކޮޅެއް
ތެރޭގައި މީހަކު ދޮރުހުޅުވާލި އަޑަށް އެދިމާލަށް ބަލާލިއިރު ފެނުނީ އަޖައިބު
ކުރުވަނިވި މަންޒަރެކެވެ. އަހަރެން އެންމެ ލޯބިވާ އަނބިމީހާއެވެ. އަހަރެންގެ
" ޝަބުނަމް " އެވެ. ބޭއިހުތިޔާރުގައި '' ޝަބްނަމް '' ކިޔާ ގޮވާލީމެވެ.
ވަރަށް ދެރަވެހުރެ އަހަރެންގެ މަގަތުގައި ހުރި ގޮނޑިއެއްގައި އިށީދެއްޖެއެވެ.
އަހަރެން ޝަކުވާ ކުރަން ފެށީމެވެ. ކުޑަކުއްޖަކު ބޮޑާހާކާ އުސޫލުންނެވެ. މިޔަދު
އަހަރެން ނަށް މިފަދަ ހާލުގައި އޮންނަށް ޖެހުނީ ޝަބްނަމް ގެ ސަބަބުން ކަމަށް
ބުނަމުން ދިޔައީމެވެ. ނަމަވެސް " ޝަބްނަމް" އެއްވެސް ބަހެއް ނުބުންޏެވެ.
ބަސްހުއްޓިފައި އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ބަލަން
ހުރިގޮތުން ހީވަނީ އަހަރެން މީ އެހެން މީހެއް ހެންނެވެ. އެއްވެސް ވާހަކަ އެއް
ނުދައްކާ ރޮމުން ރޮމުން ޝަބްނަމް ނިކުމެގެން ހިގައްޖެއެވެ. އިތުރަށް ހަނދާނެގޮތް
ހުސްވެއްޖެއެވެ. އަހަރެންވެސް ޝަބްނަމްގެ ފަހަތުން ދުއްވައި ގަންނަށް
ބޭނުންވިއެވެ. ނަމަވެސް ގައިގައި ހިތްވަރެއްނެތެވެ.
ކުޑައިރު ކޮޅެއްތެރޭގައި
އަހަރެން އޮތް ކޮޓަރި ތެރެއަށް މީހަކު ވަދެއްޖެއެވެ. އަހަރެން ހީކުރީ ޝަބްނަމް
އައީ ކަމަށެވެ. ނަމަވެސް މިފަހަރު އަހަރެންގެ ޝަބްނަމް އެއް ނޫނެވެ.
ނަރުސްކުއްޖެކެވެ. މިއީ ކޮންތަނެއްތޯ އޮޅުން ފިލުވުމުގެ ގޮތުން އަހަރެން އޮތްތަނާ
ބެހޭ މައުލޫމާތު އިގޭތޯ ސުވާލު ކުރީމެވެ. ދިނީ ވަރަށް ކުރު ޖަވާބެކެވެ. އަހަރެން މިއޮތީ
ހޮސްޕިޓަލުގަކަމެވެ. އިތުރަށް ސުވާލެއް ކުރުމުގެ ކުރިން ދިއްކޮލީ ބޭސްގުޅައެކެވެ.
އަހަރެން އެ ބޭސްގުޅަ ކާލުމާއެކު ނަރުސްކުއްޖާ ނިކުމެގެން ހިގައްޖެއެވެ.
އަަހަރެންނަށް ލޯ މެރޭ
ގޮތްވެއްޖެއެެވެ. ލޯ މެރޭ ކޮންމެ ފަހަރަކު ފެންނަނީ ޝަބްނަމްގެ ރީތި މޫނެވެ.
ޝަބްނަމްގެ ޖާދޫވީ އެއް ފަދަ ފަރި ހަރަކާތްތަކެވެ.
ޝަބްނަމް އާއި އަހަރެން
އެންމެ ފުރަތަމަ ބައްދަލުވީ ރަހުމަތްތެރިއެއްގެ ޕާޓީ އަކުންނެވެ. އެންމެ ފުރަތަމަ
ޝަބްނަމް ފެނުނު ވަގުތުން ފެށިގެންވެސް ޝަބްނަމް ދެކެ ލޯބި ވެވިއްޖެއެވެ.
ބޭއިހުތިޔާރުގައި އަހަރެންގެ ހިތް އޭނަ އަށް ދެވުނެވެ. އަހަރެންގެ ހަޔާތުގެ
ބައިވެރިޔަކަށް ފުރަތަމަ ދުވަހުން ފެށިގެން ހަނދަން ބޭނުންވިއެވެ. އެހާވެސް އޭނަ
ރީއްޗެވެ. ހަރަކާތްތަކުގައި ވަނީ ޖާދުވީ މަސްތު ކަމެކެވެ.
ދުވަހަކަށްފަހު ދުވަހެއް
ފާއިތުވަމުން ދިޔައިރު ދެމީހުންގެ ގުޅުން އިތުރަށް ބަދަހިވަމުން ދިޔައެވެ.
ލޯބިވެގެން އުޅޭތާ ދެމަސް ވީ ދުވަހު، ދެމީހުން ކައިވެނި ކުރީމެވެ. ޝަބްނަމް އާއި
ކައިވެނި ކޮށްގެން އަހަރެން އުޅޭ ގެޔަށް ޝަބްނަމް ބަދަލުވިއެވެ. އެއީ ޝަބްނަމް ވެސް
ބޭނުންވި ގޮތެވެ.
ކައިވެންޏަށް ހަތަރު
މަސްވީ ތަނާހެން ޝަބްނަމްގެ އުޅުމަށް ތަފާތު ބަދަލުތަށް އަންނަން ފެށިއެވެ. ވީ
ކީއްކަމެއް އެއްގޮތަކަށްވެސް ނޭގުނެވެ. ވެގެން އުޅޭ ގޮތް ސާފުކުރަން
މަސައްކަތްކުރާ ކޮންމެ ފަހަރަކު އޭނަ ގާތަށް ރުޅި އަންނަށް ފެށިއެވެ. އަބަދުވެސް
މޫނުމަތިން ފެންނަނީ ހާސްކަމާއި ކަންބޮޑުވުމެވެ. އެންމެ ފަހުން އެއްވެސް މީހެއްގެ
ގާތުގައި ނުބުނެ ފިލާގެން ގެއިން ނިކުމެގެން ދިޔައީއެވެ. އަހަރެން އެކަނި
ވެރިކޮށްލާފައެވެ. އެކަމުގެ ހިތާމައިގައި އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއްނުވިއެވެ. އަބަދުވެސް އޮއެވެނީ ކޮޓަރި
ތެރޭގައި އެކަމާއި މެދު ވިސްނާށެވެ.
ހިޔާލުތަކާއި އަހަރެން ދުރުކޮށްދިނީ މީހަކު
އައިސް އަތުގައި ހިފި ވަގުތަށެވެ. މަޑުމަޑުން ލޯ ހުޅުވާފައި ބަލާލީމެވެ.
ކުއްލިއަކަށް ކުރިއަށްވުރެ ބޮޑަށް އަހަރެންގެ ދެލޯ ބޮޑުވިއެވެ. ހައިރާންވެފައި
ބަލަހައްޓައިގެން އޮއެވުނެވެ. '' ޝަބްނަމް'' އޭ ކިޔާ ގޮވާލެވުނެވެ. ޖަވާބު
ދިނުމުގެ ގޮތުން ހުރާލީ ބޮލެވެ. އެއީ ޝަބްނަމް އޭ ނޫނެކޭ ބުނާ ކަހަލަ ގޮތަށެވެ.
އަނެއްކާ އެއީ ކާކު ބާއެވެ؟
އެއީ ކާކުކަން އަހަރެން
އޮޅުން ފިލުވަން ބޭނުންވިއެވެ. އޭނައަށް އެތަށް ސުވާލުތަކެއް ކުރުމަތި
ކުރުވީމެވެ.އެންމެ ފަހުން ޝަބްނަމްގެ ދައްތަ '' ޝާތިރާ '' ކަމުގައި ބުންޏެވެ.
ޝާތިރާ އިތުރަށް ބުނި ގޮތުގައި ޝަބްނަމް ވަނީ ނިޔާވެފައެވެ.
އަހަރެންނަށް ބާރަށް
ރޮވެގަނެވުނެވެ. ޝާތިރާ އަތުގައި ބާރަށް ހިފާ އޮޅުލާ ގަނެވުނެވެ.
އަހަރެންނާއި ޝަބްނަމް
ކައިވެނި ކުރިއިރު ޝަބްނަމްގެ ދައްތައެއް ހުރި ވާހަކަ ބުންޏެވެ. އަދި ދައްތަ އާއި
އަހަރެނާއި ބައްދަލު ވާގޮތްނުވީ، ދައްތަ އެވަގުތު ކިޔެވުމަށްޓަކައި، ބޭރުގައި
ހުރުމުގެ ސަބަބުންނެވެ. ދައްތަގެ ފޮޓޯއެއްވެސް ދައްކާފައި ނުވާތީވެ ދައްތަ ހުންނަ
ސިފައެއްވެސް ނޭގެއެވެ. ނަމަވެސް އެހާ
ވައްތަރު ވާނޭ ކަމަށް އަހަރެން ހީވެސް ނުކުރަމެވެ. ކެތްމަދުވެފައި ހުރި ހާލުގައި
ހުރެ، ޝަބްނަމް ނިޔާވި ގޮތް އަހަރެން ސާފު ކުރަން ބޭނުންވިއެވެ.
ޝާތިރާ ރޮމުން ގިސްލަމުން
ޝަބްނަމް އަށް ވީ ގޮތް ކިޔާދެމުން ދިޔައެވެ. އަހަރެންނާއި ޝަބްނަމް ކައިވެނިކުރިތާ
03 މަސް ދުވަސް ތެރޭގައި، ޝަބްނަމް އަށް ބްލަޑް ކެންސަރު
ޖެހިފައި ހުރިކަން ޝަބްނަމް އަށް އެގުނުުކަމާއި، އެކަމާއި ދެރަވެގެން، އެކަން
އަހަރެންނަށް ނޭންގުމަށްޓަކައި އަހަރެން ދޫކޮށްފައި ފިލައިގެން ބޭސްފަރުވާއަށް
ރާއްޖެއިން ބޭރަށް ދިޔައީ ކަމުގައި ބުންޏެވެ. އަދި ނިޔާވީ ބްލަޑު ކެންސަރަށް
ފަރުވާ ކުރަމުން ދަނިކޮން ކަމަށާއި އެކަން އެވަގުތު އަހަރެންނަށް އަންގަން
ބޭނުންނުވީ އަހަރެން ދެރަވެ ދާނެތީ ކަމުގައި ބުންޏެވެ.
ނަމަވެސް އެކަން އިތުރަށް
އަހަރެންނަށް ސިއްރުކުރަން ބޭނުންނުވާތީވެ، އަހަރެން އުޅޭ ގެޔަށް ޝާތިރާ އައި އިރު،
އަހަރެން ކޮޓަރި ތެރޭގައި އަނބުރާ
ގަނެފައި، އޮށްވާ ޝާތިރާ އަށް އަހަރެން ފެނިގެން ހޮސްޕިޓަލަށް ގެންދިޔައީ ކަމުގައި
ބުންޏެވެ. މި ވާހަކަތައް އަޑުއިވުމާއެކު ގިސްލަ ގިސްލާފައި އަހަރެންނަށް ރޮވެން
ފެށިއެވެ. އެވަގުތު ޝާތިރާގެ ދަބަހުން ރުމާލެއް ނެގުމަށްފަހު އަހަރެންގެ ލޮލުން ފޭބި
ކަރުނަތަށް ފޮހެދޭން ފެށިއެވެ. އަހަރެންނަށް ބޭ އިހުތިޔާރުގައި ޝާތިރާ އަތުގައި
ހިފައި ގަޔާ ކައިރި ކޮށްލެވުނެވެ. ނަމަވެސް ލަދުވެތި ހާލުގައި ހުރެ އަހަރެންނާއި
ދުރަށް ދިޔައެވެ. އަހަރެން ހޮސްޕިޓަލަށް ގެންދިޔަތާ 05
ދުވަސް ފަހުން ދޫކޮށްލާފިއެވެ.
އެއްދުވަހެއްގެ ހަވީރުގެ
ވަގުތެކެވެ. މަގުމަތިން ސައިކަލު ދުއްވާފައި ދަނިކޮން ޝާތިރާ އާއި ދިމާވެއްޖެއެވެ.
އަދި ޝާތިރާ އެދުމުގެ މަތިން ގެޔަށް ގެންގޮސް ދިނުމަށްޓަކައި އަަހަރެންގެ ސައިކަލު
ފަހަތަށް އެރުވީމެވެ. އޭނަ ގެޔަށް ލާދިނުމަށްޓަކައި އެގޭ ދޮށަށް ދިޔައީމެވެ.
ސައިކަލުން ފޭބުމަށްފަހު އަހަރެން އަތުގައި ނޫން ގޮތަކަށް ހިފާލިއެވެ.
އަހަރެންނަށް ޝާތިރާ ސިފަވެގެން ދިޔައީ ޝަބްނަމްގެ ގޮތުގައެވެ. އެހެން ކަމުން
އަހަރެންނަށްވެސް ޝާތިރާގެ އަތުގައި ހިފާ ލޯބިން ފިރުމާލީމެވެ. އަހަރެންގެ އަތް
ފޮޅާލުމަށްފަހު، ޝާތިރާ ލަދުވެތި ކަމާއެކު ދުވަމުން ގޮސް ގޭތެރެއަށް ވަނެވެ.
އަހަރެން ވެސް އޭނަގެ ފަހަތުން ގޮސް ގޭތެރެއަށް ވަނީމެވެ. އަދި ޝާތިރާ އަތުގައި
ހިފާ އަހަރެންގެ ގަޔާ ކައިރި ކޮށްލީމެވެ. ލޯބިން ބައްދާލީމެވެ. ބޭއިހުތިޔާރުގައި
ޝަބްނަމް އޭ ބުނެވުނެވެ. ( ނިމުނީ )

No comments:
Post a Comment