ޒަވާޖީ ހަޔާތެއް ފައްޓައިގެން އުޅޭ ދެމީހަކު
ވަކިވެ އަލުން އެ ދެމީހުން ކައިވެނީގެ ގޮތުން އެހެން މީހަކާ އެކު އައު ހަޔާތެއް
ފެއްޓުމަކީ މާ ފަސޭހަ ކަމެއް ނޫނެއެވެ. އަދި އެހެން މީހަކާ އެކު އައު ހަޔާތެއް
ފައްޓާއިރު އެއީ ވަރަށް ބޮޑަށް ވިސްނަށް ޖެހޭ ކަމަކެވެ. އަދި އަލުން ގެއަށް އަންނަ
ފަރާތުން ވަރަށް ބޮޑެތި ޒިންމާ ތަކަކާ ކުރިމަތި ލާންޖެހެއެވެ. ކުދިން ލިބިފައިވާ
ދެމީހަކު ވަކިވެގެން ދާއިރު ލިބިފައިވާ ކުދިންނަށްވެސް އެކަމުގެ އަސަރު
ކުރާނެކަމެކެވެ. އެކުދިންނަށް ދޮންމަންމަ ނުވަތަ ދޮންބައްޕަޔަކު ލިބުމުން
ކުދިންވެސް އެމީހުންނާއެކު، ގުޅިގެން އުޅެން ވަގުތު ނަގާނެ ކަމެކެވެ. އަދި
އެކުދިންނަށް އާދަވެފައި ހުރި އެތައް ކަމެއް ބައެއް ފަހަރު ކުއްލިޔަކަށް އެހެން
ގޮތަކަށް ބަދަލު ކޮއްލަން ޖެހުމަކީ އެކުދިންނަށްވެސް ވަރަށް ނޭދެވޭ އަސަރުތައް
ކުރާ ކަމެކެވެ.
ވަކިވެގެން ދާ ދެމީހުންނަށް ކުރިމަތި ލާންޖެހޭ
ބައެއް ކަންތައްތައް ތިރީގައި މިވަނީއެވެ.
1.
ފައިސާގެ މައްސަލަތައް؛ ދެމީހުން
ވަކިވެގެން ދިއުމުން ކުރިން ފިރިމީހާ ނުވަތަ އަނބި މީހާ ގެއަށް ކުރަމުން ދިޔަ
ހަރަދުތައް ކުރުން ހުއްޓާލާގޮތް ވެއެވެ. މި ގޮތަށް ފައިސާގެ ދަތިކަން ބޮޑަށް
ކުރިމަތިލާން ޖެހެނީ އަނބި މީހާއަށެއެވެ. ގިނަފަހަރަށް ވަރިކޮށްފައި ދިއުމަށް ފަހު
ލިބިފައިވާ ކުދިންނަށްވެސް ހަރަދު ނުކުރާ މީހުން ތިބެއެވެ.
2.
ގޭތެރޭގައި ކުރަން ޖެހޭ
ކަންތައްތައް ކުރަން އުދަގޫވުން؛ ދެ މީހުން އެކުގައި އުޅޭ އިރު ގޭތެރޭގައި
ކުރަން ޖެހޭ ގިނަ ކަންތައްތައް ކުރަނީ އަނބިމީހާއެވެ. ކެއްކުމާއި، ކުދިން
ބެލެހެއްޓުމުގެ އިތުރުން ގޭތެރެ ސާފުކުރުމާއި އަދި އެހެނިހެން ހަރަދު ތަކުގެ
ތަފްސީލު ބަލަހައްޓަނީ އަނބިމީހާއެވެ. ކުއްލި އަކަށް ދެމީހުން ވަކިވުމުން މިފަދަ
ކަންތައް ފިރިމީހާ ކުރަން ޖެހުމުން ވަރަށް ގިނަގުނަ އުދަގޫތަކާ ދިމާވެއެވެ.
3.
ނަފްސާނީ މައްސަލަތައް؛ ވަކިވެގެން ދާ
ފިރިހެން އަދި އަންހެން މީހާ އަށް ވެސް ތަފާތު އެކިއެކި ނަފްސާނީ ކަންތައްތަކާ
ކުރިމަތިލާން ޖެހެއެވެ. ކުއްލިއަކަށް އެކަނިވެރިވުމާއި އަދި އެކަނި ބޮޑެތި
ޒިންމާތައް އުފުލަންޖެހުމުން ވަރަށް ސްޓްރެސް ދިރިއުޅުމެއް އުޅެން ޖެހޭ ތަން އެބަ
އާދެއެވެ.
4.
ތަފާތު އިހުސާސްތައް
ކުރަން ޖެހުން؛ މިހެން ވަކިވެގެން ދާ އިރު އޭގެ ތެރެއިން ދެމީހުން ނުވަތަ
އެކަކު ވަރަށް ބޮޑަށް ހިތް ހަމަޖެހޭތަން އާދެއެވެ. އެއީ ވަރަށް އަނިޔާވެރި ނުވަތަ
ސްޓްރެސް ބޮޑު ދިރިއުޅުމަކުން ސަލާމަތް ވެވުމުންނެއެވެ. އެކުގައި އުޅެން ބޭނުން
ނުވި މީހެއްގެ ފަރާތުން ވަކިވެވުމުން ނެއެވެ.
5.
އިޖުތިމާއީ
މައްސަލަތައް؛ މިގޮތަށް ދެމީހުން ވަކިވެގެން ދިއުމަކީ ބައެއް ސޮސައިޓީ
ތަކުގައި އުޅޭ މީހުން، އެހާ ބަލައިގަންނަ
ކަމެއް ނޫނެއެވެ. ބައެއް ފަހަރު އެ ދެމީހުންނަށް ކުރިން އަދަބު އިހުތިރާމު އަދާ
ކުރަމުން ދިޔަ އެތައް ބަޔަކު އެ ދެމީހުންނަށް އަދަބު އިހުތިރާމު ކުރުން
ހުއްޓާލާތަން އާދެއެވެ. އަދި ދެމީހުންނަށް ލިބިފައިވާ ކުދިން ވެސް ތަފާތު
ކުއްތަކަށް އަރައި ގަންނަ ގޮތް މެދުވެރިވެއެވެ.
6.
ބެލެނިވެރި ކަމުގައިވާ
ކުދިންނަށް ވާ ގެއްލުން؛ މި ގޮތަށް ވަކިވެގެން ދިއުމުން އެ ދެމީހުން ގެ
ބެލެނިވެރިކަމުގެ ދަށުގައިވާ ކުދިންނަށް ވަރަށް ތަފާތު ގެއްލުންތައް ވާ ތަން
އާދެއެވެ. މީގެ ތެރޭގައި ކުދިން އުޅެން ބޭނުން ނުވާ މީހުންގެ ބެލެނިވެރިކަމުގެ
ދަށަށް ދިއުމުން ކުދިންގެ ކިޔެވުމަށް އޭގެ ނުރަގަޅު އަސަރު ކުރުމާއި އަދި އެކުދިން
ނުހަމަ ގޮތުގައި ބޭނުން ކޮށްގެން އެކިކަހަލަ ބަދަލު އަނެކާގެ ފަރާތުން ހިފާތަން
އާދެއެވެ.
7.
ޖިންސީ މައްސަލަތައް؛ ދެމީހުން
ވަކިވެގެން ދިއުމުން އަލުން ޒަވާޖީ ހަޔާތެއް ނުފައްޓާނަމަ، ޖިންސީ ގުޅުން ތަކުން
މަހުރޫމު ވާތަން އާދެއެވެ. މި ގޮތަށް ގިނަ ދުވަހު ހުންނަށް ޖެހުމަކީ ވަރަށް ބޮޑަށް
ނަފްސާނީ ބަލިވެރިކަން ދިމާވެދާނެ ކަމެކެއެވެ.
8.
އަމިއްލަ ނަފްސާ
ދޭތެރޭގައި ދެކޭ ގޮތް ބަދަލުވުން؛ މި ގޮތަށް ވަކިވެގެން ދިއުމުން ބައެއް ފަހަރު،
އެއީ ތިމާގެ ފަރާތުން ދިމާވި ކަމެއް ކަމަށް ދެކެ އަމިއްލަ ނަފްސު ކުއްވެރި
ކުރާތަން އާދެއެވެ. މިހެން ވުމުގެ ސަބަބުން ތަފާތު އެތައް ނަފްސާނީ ބަލިތައް
ދިމާވާ ގޮތް ވެއެވެ.

No comments:
Post a Comment