މައިންބަފައިންނާއި ބެލެނިވެރިން ކުދިން ބޮޑުކޮށް
ތަރުބިއްޔަތު ކުރަމުން ދާ ދުވަސްވަރު އެކުދިންނަށް ތަފާތު ނަންތައް ބޭނުންކޮށް
އަދި އެ ނަންނަމުން ކުދިންނަށް ގޮވާހަދައެވެ. މިފަދަ ނަންނަމުން ކުދިންނަށް
ގޮވާހެދުމުގެ ސަބަބުން އެކުދިންނަށް ތަފާތު ނަފްސާނީ ގެއްލުންތައް ވާކަން ވަނީ
ފާހަގަކުރެވިފައެވެ. އޭގެތެރޭގައި، އެކުދިންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު
ކުޑަވުމާއި އަދި ބޮޑުވަމުން އަންނައިރު އެކުދިން ރުޅިގަދަވުމާއި އެހެން މީހުންނަށް
ކުރާ އިތުބާރު ކުޑަވުން ހިމެނެއެވެ.
އަހަރެން ރާއްޖެއިން ބޭރުގައި ކިޔަވަން އުޅުން ދުވަސްވަރު
އަލީ ކިޔާ ކުއްޖަކާ ބައްދަލުވިއެވެ. އޭނައަށް މީހުން ކިޔާއުޅެނީ '' ބަލިކަށި
ކުއްޖާ '' އެވެ. މިހެން ކިޔުމުގެ ސަބަބުން އޭނަ ހުންނަނީ އެއްވެސް ކަމެއްގައި
ބައިވެރިވާ ހިތްނުވެފައެވެ. ހުދު މިކުއްޖާ އަށް ވެސް ގަބޫލުކުރެވެނީ މި ކުއްޖާ
އަކީ ހަމަ '' ބަލިކަށި '' ކުއްޖެއްގެ ގޮތުގައެވެ. އެންމެ ފަހުން މި ކުއްޖާ
އަމިއްލަ ނަފްސަށް އިތުބާރުކޮށް ކަންކަމުގައި ބައިވެރިވާން ފެށީ ކައުންސިލިންގ
ދީގެންނެވެ. މި ދުނިޔޭގައި އަދި އަޅުގަނޑުމެންގެ މި ދިވެހި ރާއްޖޭގައި އަލީ ފަދަ
އެތައް ކުދިންނެއް އުޅޭނެއެވެ.
ބެލެނިވެރިން ކުދިންނަށް ބޭނުންކުރާ ތަފާތު ނަންނަމުގެ
ތެރޭގައި ތިރީގައި މިވާ ނަންނަން ހިމެނެއެވެ.
1.
ރޯ ކުއްޖާ
2.
ބަލިކަށި ކުއްޖާ
3.
ޝަކުވާ ބޮޑު ކުއްޖާ
4.
މައްސަލަ ބޮޑު ކުއްޖާ
5.
ވާނުވާ ނޭގޭ ނުވަތަ
ކަންކަމަށް ނުކުޅެދޭ ކުއްޖާ
6.
ޑްރާމާ ކުއީން
7.
ކިޔަމަން ނުވާ ކުއްޖާ
8.
ބަސްނާހާ ކުއްޖާ
9.
އެއްވެސް ބޭނުމެއް ނެތް
ކުއްޖެއް
10. ހަމަޔަކަށް އެޅުވުމަށް ވަރަށް އުދަގޫ ކުއްޖެއް
ބެލެނިވެރިން ސަމާސާއަކަށް ހަދާފައި މިފަދަ ބަސްތައް
ބޭނުން ކުރިކަމުގައި ވިޔަސް، ބައެއް ކުދިންނަކީ މިހެން ބޭނުންކޮށް އުޅޭ ބަސްތައް
ވަރަށް ސީރިޔަސްކޮށް ނަގާ ކުދިންނެވެ. މިއީ ހަމަ އެކުދިންނާއި ދިމާލަށް ހިތްހަމަ
ނުޖެހިގެން ބޭނުންކުރާ ބަސްތަކެއް ކަމުގައި ދެކި ފަހުން އެކުދިން އަމިއްލަ ދުނިޔެއެއް
ގާއިމުކޮށް މިފަދަ ބަސް ބޭނުންކުރާ މީހުންނާއި އެކަހެރި ދިރިއުޅުމެއް އުޅެވޭތޯ
ބަލަންފަށައެވެ.

No comments:
Post a Comment