ކާފަ އަދި މާމަ
އަކީ ތުއްތު ކުދިންނަށް ރަނގަޅު އާދަކާދައާއި، ނެތިގެންދާ ތާރީޚު އަދި
އިބުރަތްތެރި ފިލާވަޅު ތައް ބުނެދިނުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރަމުން
ދާ ބައެކެވެ. ކުދިންނަށް ރަނގަޅަށް ކަމޭހިތާ އަލަށް ކުދިން ލިބޭ
މައިންބަފައިންނަށް ކުދިން ގެންގުޅެންޖެހޭ ގޮތުގެ އިބުރަތްތެރި ފިލާވަޅުތައް
ބުނެދިނުމުގެ ތަޖުރިބާ ލިބިފައިވާ ބައެކެއެވެ.
މީގެ އިތުރުންވެސް
ތުއްތު ކުދިންނަށް ދޭންޖެހޭ ރަނގަޅު ކާނާ އެކުދިންގެ މައިންބަފައިންނަށް ކިޔާ
ދިނުމުގެ ގާބިލުކަން ލިބިފައިވާ ބައެކެވެ. ދެމަފިރިން މަސައްކަތުގެ މާހައުލުގައި
އުޅޭ ނަމަ ބޭރު ބައެއްގެ އަތްމައްޗަށް ތުއްތު ދަރިފުޅު ދޫކޮށްނުލާ ކާފަޔާއި
މާމަޔާއި ހަވާލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކުދިންނާއެކު ހުސްވަގުތު
ހޭދަކޮށް، އެކުދިންނަށް އުގަންނައި ދިނުމަށް މުހިންމު ދައުރެއް އަދާކުރެވިދާނެ
ބައެކެވެ.
މިއަދުގެ ގިނަ
ކުދިންނަކީ އެކުދިންގެ ކާފަޔާއި އަދި މާމަޔާއި ދުރުގައި އުޅެންޖެހިފައިވާ ކުދިބައެކެވެ.
ނަމަވެސް އެކުދިންގެ ކާފަޔާއި އަދި މާމަޔާއި، މާމަ ނުވަތަ ކާފަ ކިޔާ
ކުދިންނާއި ގުޅުން ބަދަހި ކުރުމުގެ ގޮތުން ވަރަށް ގިނަ ކަންތައްތައް
ކުރެވިދާނެއެވެ. ތިރީގައި މިވަނީ ތުއްތު
ކުދިންނާއެކު، އެކުދިންގެ ކާފަ
ނުވަތަ މާމަ އެކުދިންނާއި ގުޅުން ބަދަހި
ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެއެވެ.
1. ކުދިންގެ ގާތަށް ޒިޔާރަތްކުރުން؛ ދުރުނޫން ކައިރި
ހިސާބެއްގައި އެކުދިން ދިރިއުޅޭނަމަ، ގިނަގިނައިން
އެކުދިންގެ ގާތަށް ޒިޔާރަތްކުރެވިދާނެއެވެ. އަދި މަންމަ ނުވަތަ ބައްޕަ ކަމެއްގައި
ބޭރަށް ދާނަމަ އެކުދިންގެ ކާފަ ނުވަތަ މާމަ ހުންނަ ގެއަށް ހަވާލުކޮށްފައި
ދެވިދާނެއެވެ.
2. ޓެކްނޮލޮޖީގެ ޒަރިއްޔާއިންވެސް ގުޅުން ބަދަހި ކުރުން؛ ފޯނުން، އީމެއިލް، ވައިބަރ ނުވަތަ ސްކައިޕްގެ
ޒަރިއްޔާއިންވެސް އެކުދިންނާއި ވާހަކަ ދެއްކިދާނެއެވެ. އެކުދިންގެ ފޮޓޯ ނުވަތަ
އެކުދިންގެ ވާހަކަ ދައްކާ ނުވަތަ ލައްވާ އެކިއެކި އަޑު ރިކޯރޑް ކުރުމަށްފަހުވެސް
ފޮނުވިދާނެއެވެ.
3. ފޮޓޯ ދެއްކުން؛ ކާފަޔާއި މާމަ ހިމެނޭ ފޮޓޯ އަލްބަމެއް ހެދުމަށްފަހު، ތުއްތު ކުދިންނަށް ދެއްކިދާނެއެވެ. އަދި
އެކިއެކި ހަފުލާތަކުގައި ނަގާފައިވާ ފޮޓޯ ތަކުންވެސް ކާފަޔާއި މާމަ ވަކިކުރުމަށް
ތުއްތު ކުދިންންގާތުގައި ބުނެދިވިދާނެއެވެ.
4. ދަސްވެފައިވާ ހާއްސަ ހުނަރެއް ބުނެދިނުން؛ ހާއްސަ ދުވަހެއްގެ
ގޮތުގައި، ކާފަޔާއި މާމައަށް ދަސްވެފައިވާ
ތަފާތު މޮޅެތި ހުނަރުތައް ތުއްތު ކުދިންނަށް ދަސްކޮށްދެވިދާނެއެވެ. މިސާލަކަށް؛
މޮޅަށް ކެއްކުންނަމަވެސް ނުވަތަ ލަކުޑިބޭނުންކޮށްގެން އެއްޗެއް ތައްޔާރު ކުރުން
ފަދަ ކަންތައްތައް ދަސްކޮށްދެވިދާނެއެވެ.
5. ފެމެލީ ޓްރީއެއް ތައްޔާރުކުރުން؛ ކުދިންލައްވާ އެކުދިންގެ ފެމެލީ ޓްރީއެއް ތައްޔާރު ކުރެވިދާނެއެވެ. އޭރުން
ދެފަރާތުގެ އާއިލާގެ ނަންތައް ދަސްވެ އޮންނަ ގުޅުން ބަދަހިވެގެން ދާނެއެވެ.
މިއަދުގެ
މުޖުތަމައުއިން ނެތިގެން ދާ އެއްކަމަކީ ތުއްތު ކުދިންނަށާއި ޒުވާން އުމުރުފުރާގެ
ކުދިންނަށް ދުވަސްވީ މީހުންނަށް ކަމޭހިތަން ދަސްކޮށްދިނުމެވެ. ވީމާ ތުއްތު ކުދިންނަށާއި
ޒުވާން އުމުރު ފުރާގެ ކުދިންނަށް އެކުދިންގެ ކާފަޔާއި އަދި މާމަ އަށް ކަމޭހިތަން
ދަސްކޮށްދިނުމުގެ އިތުރުން ދުވަސްވީ ކޮންމެ މީހަކަށްވެސް އަދަބު އިހްތިރާމު
އަދާކުރަން ދަސްކޮށްދިނުމަކީ ކޮންމެ މަންމަ އަކާއި ބައްޕަ އެއް ކުރަންޖެހޭ
މުހިންމު އެއްކަމެވެ.

No comments:
Post a Comment