ފާއިތުވެގެން ދާ
ވަގުތަކީ އަބުރާ ހޯދިދާނެ އެއްޗެއް ނޫނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވާން
ދަސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް މި ރީތި އާދައަކީ މިއަދު ގިނަ
މީހުން ކިބައިން ނުފެންނަ އެއްސިފައެވެ. ހާޒިރުވާން ޖެހޭ ގަޑިއަށް ފަރުވާ
ކުޑަކުރުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކާވެސް ކުރިމަތިލާން ޖެހޭ ފަހަރު
އާދެއެވެ. ވަޒީފާ އަށް ކުރިމަތިލާފައިވާ މީހަކު ކަނޑައެޅިފައިވާ ގަޑިއަށް
އިންޓަވިއު އަށް ހާޒިރު ނުވުމުގެ ސަބަބުން އޭނައަށް ލިބެން އޮންނަ ވަޒީފާގެ
ފުރުސަތު ގެއްލުމާއި، ތަނަކަށް ފުރަން ހަމަޖެހިފައިވާ މީހަކު ލަސްވުމުގެ ސަބަބުން
ފުރަން ހަމަޖެހިފައިވާ އުޅަނދު އެމީހަކު ނުލާ ފުރާގެން ދިއުމާއި އަދި އޮފީހަށް
ގަޑިއަށް ހާޒިރު ނުވެވޭ މީހަކު ނަމަ އޭނައަށް ލިބެން އޮންނަ އެތައް އިނާޔަތް
ތަކެއް އުނިވެގެން ދާތަން އާދެއެވެ.
ކަނޑައެޅިފައިވާ
ގަޑިއަށް ހާޒިރު ނުވެވޭ މީހުން، އެމީހުން ވަގުތައް ފަރުވާ ބަހައްޓައިގެން
ހާޒިރުވުން ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި
މިވަނީއެވެ.
1. އެންމެ ފުރަތަމަ ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވުމަށް އިސްކަމެއް ދިނުން؛ މިއީ ހަމަ ކޮންމެ މީހަކުވެސް އެމީހަކު އަމިއްލައަށް މިކަންތައް
ރަނގަޅު ކުރުމަށްޓަކައި ގޮތް ނިންމި ދާނެކަމެކެވެ.
2. ތަނަކަށް ދިއުމަށްޓަކައި ތައްޔާރުވާންޖެހޭ ވަގުތު ދެނެގަތުން؛ ބައެއް ފަހަރު ގިނަ މީހުންނަށް އެމީހުން ތަނަކަށް
ދިއުމަށްޓަކައި ތައްޔާރުވާން ނަގާ ވަގުތު ހަނދާނެއް ނުހުރެއެވެ. ވީމާ މި ގޮތަށް
ދިމާވާ މީހުން ހެދެން އެޅުމާއި މޭކަޕް ކުރަން ނަގާ ވަގުތު ދެނެގަނެ
އެކަންތައްތަކަށް ދުރާލާ ތައްޔާރުވުމަކީ މުހިންމު ކަމެކެވެ.
3. ބޭނުންވާ މުހިންމު ތަކެތި އެއްތަނެއްގައި ބެހެއްޓުން؛ މިސާލަކަށް ތަޅުދަނޑިފަތި ،ގެންގުޅޭ މޯބައިލް ފޯނާއި އަދި
މުހިންމު ލިޔެކިއުންތައް ހިމެނެއެވެ.
4. ތައްޔާރުވުން؛ ތަނަކަށް އެޕޮއިންޓްމެންޓަށް
ދާން ޖެހޭނަމަ އެއްދުވަސް ކުރިން ބޭނުންވާތަކެތި ހޯދާ އެކަމައް ފުރިހަމަޔަށް
ތައްޔާރުވެ ބޭނުންވާ ތަކެތި އެއްތަނެއްގައި ބަހެއްޓުން
5. ދަތުރު މަތީގައި ދިމާވެދާނެ ކަމަކަށް ދުރާލާ ތައްޔާރުވުން؛ ތަނަކަށް ދާނަމަ މަގުމަތީގައި ޓްރެފިކުގައި ޖެހިދާނެކަން
ދެނަހުރެ ވަގުތު އޮށްވައި ގެއިން ނިކުތުމާއި އަދި ކާރު ނުވަތަ ސައިކަލުގައި
ޕެޓްރޯލް ހުރިތޯ ބަލާ ނެތްނަމަ ދަތުރުގައި ހޭދަވާ ވަގުތު ބަލާ އެއަށް ބޭނުންވާ
ފިއުލް އެޅުން
6. ލަހުން ތަންތަނަށް ހާޒިރުވުމަކީ ތިމާއާއި އަދި އެހެންމީހުންވެސް ލަދުގަންނަށް
ޖެހޭ ކަމެއްކަން ދެނެގަތުން
7. ތިމާ ލަސްވުމަށް ދިމާވާ ސަބަބު ދެނެގަތުމަށްޓަކައި އަމިއްލަ ނަފްސާވެސް
ސުވާލުކުރުން؛ އެކަމެއް ދެނެގަނެ ރަނގަޅު
ކުރުމަށް މަސައްކަތްކުރުން
ވަގުތަށް ފަރުވާ ކުޑަކުރުމަކީ އުފެއްދުންތެރިކަމަށާއި އަދި އެހެންމީހުންނަށް
ދެމުންގެންދާ އެތައް ހިދުމަތްތަކަކަށް ބުރޫއަރާފަދަ ކަމެކެވެ. މީގެ އިތުރުން
އެހެން މީހުންގެ ކުރިމަތީގައި ތިމާގެ އަގުވެއްޓި އަދި އެމީހަކީ ކަންނެތް ވަގުތައް
ހުރުމަތްތެރިކޮން ނުހިތާ މީހެއްގެ ގޮތުގައި ފާހަގަވެގެން ދާނެ މީހެކެވެ.
ވީމާ އެހެންމީހުންގެ ލޯތްބާއި އިހުތިރާމް ހޯދުމަށާއި އެހެންމީހުންގެ
އިހްސާސްތަކަށް އިހުތިރާމު އަދާކުރުމުގެ ގޮތުން ވަގުތަށް ފަރުވާ ބަހައްޓައިގެން
ހާޒިރުވާން ޖެހޭ ތަންތަނަށް ހާޒިރު ވުމަކީ ވަރަށް މުހިންމު ކަމެކެވެ.

No comments:
Post a Comment