ނިދިޖެހެމުން ދިޔަ އަސްލަމް އަށް ހޭލެވުނީ އޭނަގެ 3 އަހަރަށް ދާ ދަރިފުޅު ބައްޕާއޭ ކިޔާފަ ގޮވާލި އަޑަށެވެ. އެވަގުތު އަސްލަމު އޭނަގެ
ދަރިފުޅު ގަޔާލާ ބޮނޑިކޮށް ލުމަށްފަހު، ދަރިފުޅުގެ ތުއްތު ލޯބި ކޯތާފަތަށް ބޮސްދިނެވެ. ދަރިފުޅުވީ އުފަލުން
ދުއްވާގަތެވެ.
ދަރިފުޅު ގޮވާލި ވަގުތު އަސްލަމު ހިނިތުންވެލިއުރުވެސް ހީވީ
ގަދަކަމުން ހިނިތުންވެލިހެންނެވެ. އަސްލަމު މާއިސްގެ ނަމުން ގޮވާލިއެވެ. އަދި
ބައްޕަ ދުނިޔޭގައި މިހިރީ ދަރިފުޅަށްޓަކައިކަން ބުނެލިއެވެ. އެވަގުތު މާއިސްގެ
މޫނުމަތިން އުފާވެރިކަން ފެނިގެން ދިއެވެ. ބައްޕަ ބުނެލި ޖުމުލައިގެ މާނައަކީ ކޮބައިކަން
އެ ތުއްތު ކުއްޖާއަށް އެނގޭފަދަ ހާލުގައެވެ.
އަސްލަމުއަކީ
ބަލާލާ ބެލުމަށް މެދު އުމުރުފުރާގެ ހިތްގައިމު ރީތި ޒުވާނެކެވެ. އަދިވެސް
ދަރިފުޅަށްޓަކައި ދުނިޔޭގައި ހުރުމަކީ ދަރިފުޅު ދެކެ ވާ ލޯބީގެ ބޮޑުކަމެވެ.
ދަރިފުޅުދެކެ ލޯބި ނުވާންވީ ކީއްވެހެއްޔެވެ؟
މާއިސްގެ އުމުރުން 08 މަހުގައި މާއިސްގެ މަންމަ، އާގިސާ ވަނީ މާއިސް ދޫކޮށް އަބަދަށްޓަކައި މި ދުނިޔެއާއި ވަކިވެފައެވެ. އާގިސާ އަސްލަމު ދޫކޮށްދިޔައީ މާއިސްގެ އުމުރުން
އެންމެ 03 މަހުގައެވެ. އާގިސާ އެގޮތަށް ކަންތައް ކޮށްފާނެކަމަށް އަސްލަމު
ދުވަހަކުވެސް ހިތަކަށް ނާރައެވެ. އާގިސާ ދިޔައީ އޭނަގެ ކުރީގެ ލޯބިވެރިޔާއެކުގައެވެ.
އަސްލަމު އާގިސާ އާއި ކަވެނިކުރީ ދެމީހުންވެސް އެކަކު
އަނެކަކު ދެކެ އިންތިހާއަށް ލޯބިން އުޅެފައެވެ. ދެމީހުން ރައްޓެހިވެގެން އުޅުނު
އިރު ހީވީ ދުވަހަކުވެސް ދެން އެކަކު އަނެކަކާއި ވަކިވެގެން ނުދާނެކަމަށެވެ.
އާގިސާއަކީ އަސްލަމުގެ ސެކްރެޓަރީއެއްގޮތުގައި މަސައްކަތްކުރަމުން ދިޔަ ހަމަ
އެހާމެ ބުރުސޫރަ ރީތި އަންހެންކުއްޖެކެވެ. އާގިސާއަށް އެދިއެދި އެތަށް ބަޔަކު
ތިއްބާ އާގިސާވެސް އަސްލަމު ދެކެ ލޯބިވީ އަސްލަމުއަށް ލިބިފައިވާ ހިތްގައިމު ރީތި
ސިފައިގެ ސަބަބުންނެވެ.
ދެމީހުންގެ ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީސް
އާގިސާ އަސްލަމުގެ ދަރިއަކަށްވަނީ ބަލިވެ އިނދެފައެވެ. މިކަމުގެ ސަބަބު އާގިސާގެ
އުޅުމަށް ތަފާތު ބަދަލުތަކެއް އަންނަށް ފެށިއެވެ. އަދި ކުދިކުދި ކަންތަކާއި
ހިތްހަމަ ނުޖެހެން ފެށިއެވެ. އޭރުވެސް ވެގެން އުޅޭގޮތެއް އަސްލަމުއަކަށް
ނޭންގެއެވެ. ފަހުން އެނގުނު ގޮތުގައި އަސްލަމުގެ ހަޔާތަށް އާގިސާ އައުމުގެ
ކުރިންވެސް އެނާގެ ލޯބިވެރިއެއް ހުރެއެވެ. އާގިސާ އަސްލަމުއާއި ކައިވެނިކުރީ
އޮފީހުގައި އުޅެން ފަސޭހައަކަށެވެ.
ދަރިފުޅުގެ އުމުރުން 02 މަހުގައި އާގިސާ އަސްލަމުގެ ގާތުން
ވަރިއަށް އެދެން ފަށައިފިއެވެ. ނަމަވެސް ވަރިނުކޮށްވޭތޯ ވަރަށް
މަސައްކަތްކުރިއެވެ. ދަރިފުޅަށްޓަކައި ނަމަވެސް މަޑުކުރުމަށް އެތައްފަހަރަކު
އެދެމުން ދިޔައެވެ. ނަމަވެސް އާގިސާ އެކަމަށްދިނީ ބީރު ކަންފަތެވެ. އެންމެ ފަހުން
އަސްލަމަށް ކެތްނުކުރެވިގެން އާގިސާ ވަރިކުރިއެވެ. އޭރުގައި ދަރިފުޅުގެ އުމުރަކީ
އެންމެ 03 މަސްދުވަހެއެވެ. އަބަދަށްޓަކައި އަސްލަމު ދޫކޮށް އާގިސާދިޔައީއެވެ.
ހަމައެކަނި އަސްލަމު ދޫކޮށްދިޔައީކީ ނޫނެވެ. އެދެމީހުންގެ ތުއްތުލޯބި ދަރިފުޅު
ދޫކޮށްދިޔައީއެވެ. ފަސްއެނބުރި ބަލާލުމެއްނެތިއެވެ. އެންމެ ފަހުން އެދެމީހުންގެ
ދަރިފުޅު މާއިސް ގެ މަންމައާއި ބައްޕައަކީވެސް އަސްލަމުއެވެ. އަސްލަމު އާގިސާ ދެކެ
އިންތިހާއަށް ލޯބިވެއެވެ. އަބަދުވެސް އާގިސާ ލިބޭނެ ދުވަހަކަށް އިންތިޒާރުކުރަމުން
ދިޔައެވެ.
ދެން އަސްލަމުއަށް ލިބުނީ ވަރަށް ހިތާމަވެރި ޚަބަރެކެވެ.
އެއީ އާގިސާ އިންޑިޔާއަށް ގޮސްގެން އުޅެނިކޮން ކާރު އެކްސިޑެންޓެއްގައި ނިޔާވި
ޚަބަރެއެވެ. އެއިރު މާއިސްގެ އުމުރަކީ އެންމެ 08 މަސްދުވަހެއެވެ. އަސްލަމު
އާގިސާއަށްޓަކައި ކުރަމުންދިޔަ އިންތިޒާރު މުޅިން ނިމުމަކަށްއައީއެވެ.
އަސްލަމުގެ ދިރިއުޅުމަށް ކުރިންނާންނަ އެތައް ބަދަލުތަކެއް
އަންނަށްފެށިއެވެ. ކުރިން މޫނުމަތިން ފެންނަ އުފާވެރި ކަމުގެ ބަދަލުގައި އެކަނިވާ
ކޮންމެ ވަގުތަކު މޫނުމަތިން ފެންނަނީ މަޑުމޮޅިކަމެވެ.
ނަމަވެސް ކިރިޔާވެސް އަސްލަމުއަށް އުފާވެރިކަމެއް ލިބެނީ
އޭނާގެ ދަރިފުޅުގެ ފަރާތުންނެވެ. ދަރިފުޅު ބޮޑުވަމުން އަންނަވަރަކަށް އަސްލަމު
މޮޅިވެރިކަން ދަނީ ފިލަމުންނެވެ. އަސްލަމު އޮފީހަށްދާ ވަގުތު ދަރިފުޅު
ބެލެހެއްޓުމަށްޓަކައި ދަނީ ޑޭކެއަރ
ސެންޓަރަކަށް ހަވާލުކޮށްފައެވެ.
އޮފީސް ނިމުމަށްފަހު މުޅި ދުވަސް ކަހަލަ ގޮތަކަށް
ހޭދަކުރަނީ ދަރިފުޅާއެކުގައެވެ. ހަމައެކަނި އޭނަގެ ދަރިފުޅު މާއިސް އަށްޓަކައެވެ.
ފަހަކަށް އައިސް
އަސްލަމުއަށް ވަގުތު ވާވަރަކުން ދަރިފުޅު ގޮވައިގެން ބޭރަށް ގޮސް ކުޅެ
މަޖާކޮށްހަދައެވެ. ދަރިފުޅާއެކު ގިނަގިނައިން ވަގުތު ހޭދަކުރެއެވެ. ބޭނުންވަނީ
އަސްލަމުގެ އިތުރުން ދަރިފުޅުވެސް ވީހާވެސް ބޮޑަށް ހިތްހަމަ ޖައްސައިދީގެން
އުޅުމަށެވެ. އޮފީސް ނިމިގެން ގެއަށް އަންނަ ކޮންމެ ފަހަރަކު މާއިސް ފެނުމުން
މާއިސްގައިގާ ލޯބިން ބައްދާލައެވެ. މާއިސް އަކީ ހަމައެކަނީ ބައްޕަގެ ލޯބިލޯބި
ދަރިފުޅާއެ ބުނެލާ ހަދައެވެ.
އަދިވެސް އަސްލަމުއަކީ އަންހެންކުދިން ހިތް ކަތިލާފަދަ ރީތި
މީހެކެވެ، އަސްލަމު ހަޔާތުގެ ބައިވެރިއަކަށް
ވުމަށްޓަކައި އެތައް އަންހެން ކުދިންނެއް އެދެމުން ދިޔައެވެ. ނަމަވެސް ދެވަނަ ކައިވެންޏަކަށް ދިއުމަށްޓަކައި
އަސްލަމު ބޭނުމެއްނުވިއެވެ. އަސްލަމުގެ ގާތް ރަހުމަތްތެރިންވެސް އަސްލަމު ދެވަނަ ކައިވެންޏެއް
ކުރުމަށް ވަރަށް ބާރުއެޅިއެވެ. ނަމަވެސް އެ ހުރިހާ މީހުންގެ އެދުމަށްދިނީ ބީރު ކަންފަތެވެ.
އެއީ ހަމައެކަނި އޭނަގަ ދަރިފުޅަށްޓަކައެވެ. ދަރިފުޅަށް ދެރަގޮތެއް ވާން ބޭނުންނުވާތީއެވެ.
އަސްލަމު ފޫން ވިސްނުމެއްގެ ތެރޭގައި އިންދާ ކުއްލިއަކަށް ސިއްސައިގެންދިޔައީ ކޮންމެވެސް
އެއްޗެއް އަސްލަމުގެ އުނގުމައްޗަށް ވެއްޓުމުންނެވެ. ބަލާލިއިރު އެއީ މާއިސް ކުޅެން
ގެންގުޅުނު ރަތްކުލައިގެ ކާރެކެވެ. މާއިސް ބޭނުންވީ ކާރަށް ޗާބީ ދިނުމަށެވެ.
އަސްލަމު މާއިސް ގެންގުޅުނު ކާރަށް ޗާބީ ދިނުމަށްފަހު ކޮޓަރީގެ ތަޅުންމަތީގައި
ބެހެއްޓިއެވެ. ކާރުގެ ދުވެއްޔާ އެއްވަރަކަށް މާއިސް ކޮޓަރިތެރޭގައި ދުވަމުން
ދިޔައެވެ. މާއިސްގެ މޫނު މައްޗަށް ހިނިތުންވުމެއްވެރިވިއެވެ. އަދި ހިތާހިތާ
ބުނެލިއެވެ. ތިއީ ހަމައެކަނީ ބައްޕަގެ ލޯބިވާ ދަރިފުޅެއެވެ. ( ނިމުނީ )

No comments:
Post a Comment