ވަމުން އަންނަ ގޮތް ކުރިން އަހަރެންނަށް އެގުނު
ނަމަ މިއަދު ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް ދިޔައީސްކަން ޔަގީނެވެ. އޭރު
އެކަނި ކޮޓަރިއެއްގެ ތެރޭގައި ބަންދުވެފައި އިންއިރު ސިނކުޑީގައި އެތައް ހިޔާލުތަކެއް
ދައުރުވަމުން ދިޔައެވެ. ހަދާނެގޮތް ވަނީ ހުސްވެފައެވެ. ފަސޭހައިން ކަންތައްތައް
ރަނގަޅު ނުވާނެ ކަންވެސް އެގުނެވެ. އެހެންވެ އެކަނި ގިނަވަގުތު ކޮޓަރިތެރޭގައި
ބަންދުވެފައި އިނީމެވެ.
އޭލެވެލް ނިންމުމަށްފަހު، އިތުރަށް ކިޔަވަން
ދިއުމަށްޓަކައި ކުރި މަސައްކަތުން ފަސްޓް ޑިގްރީ ހެދުމަށްޓަކައި ފުރުސަތު
ލިބުނެވެ. ނަމަވެސް އަންހެންކުއްޖެއްކަމުން، މައިންބަފައިންނާ ވަކިން ކިޔަވަން
ނުފޮނުވަން މަސައްކަތްކުރިއެވެ. ނަމަވެސް ކުރި އާދޭހުގެ ބޮޑުކަމުން ފަހުން
ކިޔަވަން ދިއުމަށްޓަކައި ގޭ މީހުން އެއްބަސް ވިއެވެ. އަމިއްލަ އާއިލާއާ ވަކިން،
އެކަނި ކިޔަވަމުން ދިޔަ ދުވަސްވަރުކަމުން، އުޅެމުން ދިޔައީ އެކުވެރިންނާއެކު
ތަނެއް ކުއްޔަށް ހިފައިގެން އެމީހުންނާ އެކުގައެވެ. އެހެންކަމުން ބައެއް ފަހަރު ބޭނުންވާ ތަކެތި ގަތުމަށާއި ކޮލެޖަށް
ކިޔަވަންދާއިރު، އެކަނިވެސް ބޭރަށް ދާންޖެހޭ ފަހަރު އާދެއެވެ. ބޭރުގައި އުޅޭއިރު، އަހަރެންނާ
ދިމާޔަށް މީހުން ބަލާއިރު ވަރަށް ލަދުގަނެވެ. އެހެންވެ،
ފަހުންފަހުން އައިސް ކޮލެޖަށް ކިޔަވަން ދިއުން މުޅިންހެން ހުއްޓާލީމެވެ. އަދި އަހަރެންގެ
އެކުވެރިން ބޭރަށް ދާއިރު އަހަރެން ގޭތެރޭގައި އެކަނި ވަގުތުތައް ހޭދަކުރަމުން
ދިޔައީމެވެ.
މިހެން ބުނިކަމުގައިވިޔަސް، މަދުމަދުން
ޕާޓީތަކަށް ގޮސްހަދަމެވެ. މިގޮތަށް ޕާޓީތަކަށް ގޮސް އުޅޭއިރު ހަދާނެ ގޮތެއް
ނޭގިފައި ހުންނަށް ޖެހެއެވެ. ވަށައިގެންވާ މީހުން ވާހަކަ ދައްކާ އިރު ވަރަށް
އުދަގޫވާގޮތްތަކެއް ހުރެއެވެ. އެހެންވެ، އަހަރެން އެމީހުންނަކާ ވާހަކަ ދައްކާކަށް
ބޭނުމެއް ނުވެއެވެ. އަހަރެންނަކީ އެހެން މީހުންނާ ތަފާތު މީހެއްކަން އަހަރެންނަށް
އިހުސާސް ކުރެވެން ފެށިއެވެ. މިކަމުގެ އުދަގޫ ދުވަހެއް ދުވަހަކަށް އިތުރުވާން ފެށުމުން
ޑޮކްޓަރުގެ ލަފަޔާއި އިރުސާދު ހޯދުމަށް ގަސްތު ކުރީމެވެ.
އޭރު، ހޮސްޕިޓަލުން މިކަމުގައި ފަރުވާ
ހޯދަމުން ދިޔައިރު، ދެން އަހަރެން ގެ ދިރިއުޅުން އަނބުރާ އަހަރެންނަށް ލިބިދާނެ
ހެންވެސް ހިއެއްނުވިއެވެ.
މީގެ ހަތަރު އަހަރު ކުރިއެވެ. އޭރު އަހަރެންގެ
އުމުރަކީ 18 އަހަރެވެ. ޑޮކްޓަރަށް ދެއްކުމުން އަހަރެންގެ ބައްޔަކީ '' އެނެރެކްސިއާ
ނާވޯސާ ޑިސްއޯޑަރ '' ކަން އެގުނެއެވެ. ބަލީގެ އަލާމަތްތައް ޑޮކްޓަރ އަހަރެންނަށް ކިޔާދޭންފެށިއެވެ.
އަހަރެން ޑޮކްޓަރ ދެއްކި ވާހަކަތައް ކަނުލާ އަޑުއެހީމެވެ. ޑޮކްޓަރ އެކިޔައިދިނީ
މުޅިން ތެދުވާހަކަތަކެވެ. އަހަރެން އަބަދުވެސް ފަލަ ވެދާނެތީ އުޅެނީ ކެއުމަށް ބަލައިގެންނެވެ.
އަހަރެންނަށް އަބަދުވެސް އަހަރެން ފަލަހެން ހީވެއެވެ. ދުވަހެއް ދުވަހަކުން
ބަރުދަން އިތުރުވާހެންވެސް ހީވެއެވެ. އަބަދުވެސް އަހަރެން ހުންނަނީ ޝައްކެއްގެ
ތެރޭގައެވެ. އެހެންވެ ހަށިގަނޑު ރީތިކޮން ބެހެއްޓުމަށްޓަކައި އަހަރެން އަބަދުވެސް
އުޅެނީ ހަށިގަނޑަށް ބަލައިގެންނެވެ. ކެއުމާ ވަރަށް ދުރުގައެވެ. ކާއިރުގައިވެސް
ކާތަކެތި ބައިބަޔަށް ބަހައިގެން އެތިއެތި ކޮޅުން ކައިހަދަމެވެ. އަދި ދެން ބާކީ
ތަކެތި އެހެންމީހުންނަށް ފޮރުވާ އުކާލާވެސް ހަދަމެވެ. އަހަރެންގެ މި ބައްޔާއެކު،
އެއްވެސް އެގުމަކާ ނުލާ އަހަރެންނަށް ޑިޕްރެޝަންގެ އަލާމަތްތައް ފެންނަށް
ފެށިއެވެ.
އަހަރެންގެ ދިރިއުޅުން އަހަރެންގެ
މައިންބަފައިންގެ ގާތަށް ބަދަލުކުރީމެވެ. ތެރަޕިސްޓެއްގެ އެހީތެރިކަމާއެކު މި
ކަމުގެ ފަރުވާއެއްގެ ގޮތުން ތެރަޕީ ނަގަން ފެށީމެވެ. އަދި މުޅިއެކު ހަތަރު
އަހަރުވަންދެން މި ފަރުވާ އަހަރެން ހޯދީމެވެ. މީގެ އިތުރުން، އަހެރެންގެ ފަރުވާގެ
އަސްލަކީ އަހަރެންނަށް ވަމުންދާ އުދަގޫތައް ފޮތެއްގައި ލިއުމާއި އަހަރެންގެ
އާއިލާގެ މީހުންގެ އެހީތެރިކަމާއި އެއްބާރުލުމެވެ.
މިއަދު އަހަރެން މުޅިން ރަނގަޅު ނުވިކަމުގައި ވިޔަސް
ކުރިއަށްވުރެ ވަރަށް ބޮޑުތަން ވަނީ ރަނގަޅުވެފައެވެ. މިއީ އަހަރެންގެ މިންނެތް މަސައްކަތުގެ
ނަތީޖާއެވެ. ހިތްވަރުގަދަ ކަމުގެ އަޒުމެވެ. އަހަރެން އަހަރެންގެ ޒަމީރާ ހަގުރާމަ ކުރީމެވެ.
އަހަރެންނަކީ ފުރިހަމަ މީހަކަށް ވެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރީމެވެ.
މިހިސާބަށް އަހަރެންނަށް އާދެވުމުގައި އެހީތެރިކަން ފޯރުކޮށްދިން މީހެއްގެ
ގޮތުގައި، އަހަރެންގެ ދައްތަގެ އެހީތެރިކަމާއި އެއްބާރުލުން ހިމެނެއެވެ.
އަހަރެންގެ އެކުވެރިންނޭ! ކަމެއް ދިމާވުމުން
އެކަނި ކޮޓަރިތެރޭގައި ބަންދުވެފައި ނުތިބޭށެވެ. އާއިލާގެ މެމްބަރުންނާއި، ގާތް ރަހުމަތްތެރިންނާއި
އަދި ކަމުގެ ތަޖުރިބާހުރި ޕްރޮފެޝަނަލް މީހުންނާއި ދިމާވާ
ކަންތައްތައް ހިއްސާ ކުރާށެވެ. މިއަދު އަހަރެން މިކަމުން ސަލާމަތް ވަމުންދާއިރު
މިފަދަ ކަމެއް ދިމާވާ ކޮންމެ މީހަކަށްވެސް މި ފުރުސަތު އެބައޮތެވެ. ބޭނުންވަނީ ހިތްވަރާއި
އަޒުމެވެ. އޭރުން ކޮންމެ މީހަކަށްވެސް ކާމިޔާބު ވާނެއެވެ. މިއީ އަހަރެންގެ ދިރިއުޅުމަށް
އައި ބަދަލުގެ ވާހަކައެވެ. ( ނިމުނީ )

No comments:
Post a Comment