މާފުކުރުމަކީ މާޒީގައި
ހިނގާފައިވާ ކަންތައްތައް ބަދަލުވެގެންދާނެ ކަމެއްނޫނެވެ. ނަމަވެސް، މާފުކުރުމަކީ މުސްތަޤުބަލަށް
ބަލާނަމަ ދެމީހުންގެ ގުޅުންތެރިކަން އިތުރަށް ބަދަހިވެގެންދާނެ ކަމެކެވެ. މީހަކަށް
ދެރަގޮތެއް ހަދާލިމީހަކަށް މާފު ކުރުމަކީ އެހާފަސޭހަ ކަމެއްނޫނެވެ. ބައެއް މީހުން،
އެމީހުންގެ ގާތް އެކުވެރިންގެ ފަރާތުން ދިމާވާ ދެރަ ކަންތައްތައް ހިތުގައިއަޅައިގެން
އެތައް އަހަރެއް ވަންދެންވެސް އުޅެމުންދެއެވެ. މިކަމުގައި މުޅިއުމުރު ދުވަސް ހޭދަކުރާ
މީހުންވެސް މަދެއްނޫނެވެ. ތިމާގެ އުފާވެރިދިރިއުޅުން، ނޭނގި ނަމަވެސް ހިތާމައިގެ ތެރެއަށް
އަރަޤުކޮށްލާހަދައެވެ. ދެ މިތުރުން ދެ ހަތުރުންނަށް ވެގެންދެއެވެ.
ދެމީހުންގެ އެކުވެރިކަން
ކުރިއެކޭ އެއްގޮތަށް ދަމަހައްޓަން ބޭނުންވާ ފަރާތްތަކަށް ތިރީގައި މިވާ ބައެއްކަންތައް
ކުރެވިދާނެއެވެ.
1. ތިމާއަށް އެހެންމީހަކު ބަދަލުކުރުމަކީ އުދަގޫކަމެއްކަން ވިސްނާށެވެ. ( އެހެންމީހަކު
ބަދަލުވާން ބޭނުންނުވާނަމަ ) ؛ ތިމާގެ އެކުވެރިޔާގެ
ކިބައިގައި ހުންނަ ހިތްހަމަނުޖެހޭ ބައެއް އާދަތައް ބަދަލުކުރަން އުޅުނަސް، އެކަން ބަދަލުކުރެވޭނީ
އެކުވެރިޔާވެސް އެކަންތައް ބަދަލުކުރަން ބޭނުންވާނަމައެވެ. މިކަން ކުރަން އުޅެގެން
ދެމީހުން މައްސަލަ ޖެހޭނަމަ، މިކަމާއި ދުރުހެލިވާށެވެ. އެކުވެރިޔާގެ އުނިކަންތައް ގަބޫލުކޮށްގެންހުރެ،
ދެމީހުންގެ އެކުވެރިކަން ދަމަހައްޓަން މަސައްކަތްކުރާށެވެ. އެހެންނޫނީ ދެމީހުންގެ މެދުގައި
އިތުރަށް މައްސަލަޖެހި އެކުވެރިކަމަށް ބުރޫއަރާގޮތްވާނެއެވެ.
2. ކުރަން ބޭނުންވާ ކަންތައް ކަނޑައެޅެން؛ ތިމާއާއި ތިމާގެ އެކުވެރިޔާއާ ދެމީހުން އެކަކު އަނެކަކާ މައްސަލަ ޖެހިފައިވާނަމަ،
އެކަމަށް މަޢާފަށް އެދޭށެވެ. ނުވަތަ އެކުވެރިޔާ މާއާފަށް އެދެފިނަމަ، އެކަމުގެ ފުރިހަމަ
ޒިންމާ އުފުލުމަށްފަހު އެކަން ގަބޫލުކުރާށެވެ. މިކަމުގައި އިތުރަށް އެހެންފަރާތެއްގެ
އެހީތެރިކަމެއް ބޭނުންނަމަ، އެކަންވެސް ކުރާށެވެ. މިސާލަކަށް ކައުންސެލިންގ ނުވަތަ
ތެރަޕީ ނެގިދާނެއެވެ. ތިމާ މިކަމުގައި އިތުރަށް ކުރިއަށްދާން ބޭނުންވާގޮތް ކަނޑައެޅުމަކީ
ވަރަށް މުހިންމު ކަމެކެވެ.
3. ތިމާ ބޭނުންވާ ކަންތަކާ މެދު ހިތްހަމަޖެހޭނަމަ، ދެން ދިމާވި ކަންތައް ހަނދާން
ނައްތާލަން މަސައްކަތް ކުރުން؛ " މާފުކުރުމަކީ
ހުރިހާ ކަމެއްވެސް އާ ފެށުމަކުން ފެށުމަށް ލިބޭ އިތުރު ހިތްވަރެއް '' މިއީ ވަރަށް ބޮޑު
ތެދު ހަޤީގަތެކެވެ. ވީ ކަމެއް ވީއެވެ. އެކަންތައް އަލުން ފަށަފަށައިގެން ދެއްކުމުގެ
ބަދަލުގައި އާ ފެށުމަކުން ހުރިހާ ކަމެއްވެސް ފައްޓައިގެން ކުރިއަށް ގެންދިއުމަކީ ވަރަށް
މުހިންމު ކަމެކެވެ. އެކުވެރިންނާ ޖެހޭ މައްސަލަތަކުގައި އެއްފަހަރަށް ވުރެ ގިނަފަހަރުވެސް
އެކަކު އަނެކަކަށް މާފު ކުރަން ޖެހިދާނެއެވެ. މި ގޮތަށް ދިމާވާ ކަންކަމުގައި މާފުކުރަން
އުނދަގޫވާނަމަ، އިތުރަށް އެކަމާމެދު ވިސްނާށެވެ. ވިސްނުމަށްފަހު އެކަމަކީ މާފުކޮށްގެން
ދެމީހުންގެ ގުޅުންތެރިކަން ބަދަހިކުރެވިދާނެ ކަމަކަށްވާނަމަ، ދެމީހުންގެ ގުޅުންތެރިކަން
ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ.
4. ރަހުމަތްތެރިޔާއާއި
ތިމާއާ ދެމެދު އޮންނަ ގުޅުން ބާއްވަން ބޭނުންވާ މިންގަޑު ކަނޑައެޅުން؛ ކުރެވިފައިވާ ކުށަށް މާފުކޮށް ދެމީހުންގެ ގުޅުންތެރިކަން ބަހައްޓާނެ
ވަކި މިންގަނޑެއް ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮންމެ މީހެއްގެވެސް އެކިދަރަޖައިގެ
ރަހުމަތްތެރިން ތިބޭނެއެވެ. ބޭނުންވަނީ ގިނަވަގުތު ނުވަތަ މަދު ވަގުތު ހޭދަކުރަން ކަމުގައި
ވާނަމަ އެކަންވެސް ކުރެވިދާނެއެވެ. އަދި ދައްކަން ބޭނުންވަނީ ކޮންކަހަލަ ވާހަކަތަކެއްތޯ
ބަލާ އެކަންވެސް ކަނޑައެޅިދާނެއެވެ. ޖިސްމާނީ އަދި ނަފްސީގޮތުން ތަފާތު އަނިޔާދޭ ރައްޓެއްސެއްނަމަ
އެމީހަކާ އަވަހަށް ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެކެވެ.
5. ދިމާވާ ކަންތައް ދެނެގަނެ އެކަމާއި މެދު ހޭލުންތެރިވެހުރުން؛ ކަމެއް ދިމާވެއްޖެނަމަ، އެދިމާވި ކަމެއްގެ ފުރިހަމަ މަޢުލޫމާތު
ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް މިކަމަކީ ބައެއް މީހުންނަށް ކުރަން އުދަގޫކަމެކެވެ.
ދެރަކަމެއް ދިމާވެއްޖެނަމަ، އެކަމެއް ކުރިމީހަކު ދެކެ ކޮންމެ މީހަކުވެސް ރުޅިއަންނާއެވެ.
ކުރަން ބޭނުންނުވިޔަސް މިއީ އިންސާނީ ތަބީޢަތެވެ. ނަމަވެސް، ރުޅިމަޑުކޮށް، ކަންކަމާމެދު
ވިސްނާ ފިކުރުކުރާށެވެ. ކުރިންޖެހޭފަދަ މައްސަލަތައް ދިމާވިޔަ ނުދިނުމަށްޓަކައި ދެފަރާތުންވެސް
މަސައްކަތްކުރުމަކީ ވަރަށް މުހިންމުކަމެކެވެ. މައްސަލަޖެހެނީ ކޮންކަމަކާކަން ދެނެގަނެ
އެކަންތައް ދެވަނަފަހަރަށް ހިނގިޔަ ނުދިނުމަށްޓަކައި އެޅެންހުރި ފިޔަވަޅުތައް ދެމީހުންވެސް
އަޅުމަކީ ވަރަށް މުހިންމު ކަމެކެވެ.
6. ދެފަރާތުންވެސް ދިމާވާ ކަންތައް ހިއްސާކޮށް، އެކަކު އަނެކަކުގެ އުފަލާއި ހިތާމައިގައި
ބައިވެރިވުން؛ އެކަކު އަނެކަކުގެ އުފަލާއި ހިތާމައިގައި
ބައިވެރިވުމަކީ ވަރަށް މުހިންމުކަމެކެވެ. މީގެ އިތުރުން ދިމާވާ ކަންތައްތައް ދެމީހުންގެ
މެދުގައި ހިއްސާކުރާށެވެ. އެކަކު އަނެކަކުގެ ހިޔާލު ހޯދާށެވެ. ނަމަވެސް ދެމީހުން ކުރިން
ކަނޑައެޅި މިންގަނޑުގެ ތެރޭގައެވެ. ކުރިން ދިމާވެފައި ހުރި ކަންތައްތަކުގެ ވާހަކަ ދައްކާ
އަބަދުވެސް އެކަކު އަނެކަކުގެ ކުށްދައްކަން ފަށައިފިނަމަ، ދެމީހުންގެ އެކުވެރިކަން
މާގިނަދުވަހު ދެމެހެއްޓުމަކީ ވަރަށް އުދަގޫކަމެކެވެ.
އެކުވެރިކަން ދެމެހެއްޓުމަކީ
އެހާ ފަސޭހަކަމެއްނޫނެވެ. ނަމަވެސް، ދެމީހުންގެ ދެމެދުގައި ޖެހިފައިވާ އެތައް މައްސަލަތަކަކަށް
ހައްލުހޯދުމަށްފަހު ދެމީހުންގެ މެދުގައި ކުރިންއޮތް ގާތްއެކުވެރިކަމާއި ރަހުމަތްތެރިކަން
އެތައް ބަޔަކުވަނީ ދަމަހައްޓާފައެވެ. އަހަރެމެން ދަސްކުރަންވީ ކަމަކީ ރަހުމަތްތެރިކަން،
ދުޅަހެޔޮކަންމަތީގައި، ދަމަހައްޓާނީ ކިހިނެއްކަމާއި އަދި ދެމީހުންގެ މެދުގައި އޮންނަ
ގުޅުން ކަނޑާލާނީ ކިހާހިސާބަކުންކަމެވެ.

No comments:
Post a Comment