މުޅި ކޮޓަރިތެރެއަށް ވަނީ
ހަމަހިމޭން ކަން ވެރިވެފައެވެ. ކޮޓަރިތެރޭގައި ހަރުކޮށްފައި ހުރި ފަންކާ އެބުރޭ އަޑުފިޔަވާ އިތުރު އަޑެއް
އަހަރެންނަކަށް ނީވެއެވެ. މެންދަމުގެ ހަމަހިމޭންކަން ޖައްވަށް ވެރިވެފައި
ވީނަމަވެސް ނިދި ވަނީ އަހަރެންގެ ލޮލުން މަރުރޫމް ވެފައެވެ. ނިންޖަކީ މުޅިން
ބީރައްޓެހި، ނުދަންނަ އެއްޗަކަށް ވަނީ ވެފައެވެ.
ފުހީވެގެން ހަނދާނެގޮތް ހުސްވެފައި ހުރި ހާލުގައި ހުރެ ވަސީމު އާއި ގުޅޭތޯ
އަހަރެން މަސައްކަތްކުރީމެވެ. ނަމަވެސް ވަސީމުގެ ފޯނު ވަނީ ނިއްވާލާފައެވެ. ވަސީމު
އަހަރެންނަށް އެގޮތަށް ކަންތައް ކޮށްފާނެ ކަމަށް ދުވަހަކުވެސް އަހަރެންގެ ހިތަކަށް
ނާރައެވެ. ވަސީމު އަހަރެން ދޫކޮށްފައި ދިޔައީ ކޮންތާކަށްބާއެވެ. އޭނައަށް އަނެއްކާ
ވީ ކިހިނެއްބާއެވެ.
އަހަރެން ނަށް ނިދޭތޯ
ބެލުމަށްޓަކައި އަނެއްކާވެސް އެދުގައި އޮށޯވެއްޖައީމެވެ. ނަމަވެސް ހިތަށް
ވެރިވެފައިވާ ހިތް ނުތަނަވަސް ކަމާއި މާޔޫސް ކަމާހެދި އެއްގޮތަކަށްވެސް ނިދޭ
ގޮތެއްނުވިއެވެ. އެނދުން ތެދުވެގެން ގޮސް އަލަމާރި ތެރެ ހުޅުވާލީމެވެ.
ލައިގެންހުރި ހެދުން ބަދަލުކުރުމަށްޓަކައި އިތުރު ހެދުމެއް ހޯދުމަށެވެ. އޭރުންވެސް
ތަންކޮޅެއް ފަސޭހައިން ނިދިދާނެކަމަށް ހީކޮށެވެ. ކުއްލިޔަކަށް ލޮލުގައި އަޅައިގަތީ
އަލަމާރި ތެރޭގައި އޮތް ފޮޓޯ އަލްބަމެކެވެ. އަލަމާރިތެރޭގައި އޮތް އަލްބަމު ނަގާ
ހުޅުވާލީމެވެ. އޭގައި ހުރީ މުޅިންވެސް އަހަރެން ވަސީމު އާއެކު ނަގާފައިވާ ފޮޓޯތަކެކެވެ.
ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ދެމީހުންގެ ރައްޓެއްސެގެ ކައިވެނި ހަފްލާއަކަށް
ގޮސް ދެމީހުން އެކުއެކީގައި ނަގާފައިވާ ފޮޓޯއަކަށެވެ. އެ ފޮޓޯ ފެނުމާއެކު އިތުރަށް
ވަސީމުގެ މަތިން ހަނދާންވާން ފެށިއެވެ.
ވަސީމު އަހަރެންނާއި
ބައްދަލުވީ ކައިވެނި ހަފުލާގެ ތެރެއިންނެވެ. ފުރަތަމަވެސް ވަސީމު ފެނުމާއެކު،
އަހަރެންގެ ހިތުން ވަސީމު އަށްޓަކައި ހާއްސަ ދަރަޖައެއް ދެވުނެވެ. ވަސީމުގެ
މޫނުމައްޗަށް ވެރިވެފައިވާ ހިތްގައިމު ހިނިތިންވުމަކީ އެންމެ ފުރަތަމަވެސް
އަހަރެންގެ ލޮލުގައި އަޅައިގަތް އެއްކަމެވެ. އެހިނިތުން ވުމުގައިވަނީ ބުނަވެސް
ނޭގޭފަދަ ހިތްގައިމު ކަމެވެ. އެންމެ ފުރަތަމަ އިސްވެ ވަސީމު އާއި ވާހަކަ ދެއްކީ
އަހަރެންނެވެ. އަހަރެން އަމިއްލަޔަށް ވަސީމު އަށް ތަޢާރަފުވީމެވެ. ރައްޓެހިކަން
ދަމަހައްޓަން ބޭނުންވާ ވާހަކަ ބުނީމެވެ. އަދި ވަސީމުގެ ފަރާތުންވެސް ލިބުނީ
އަހަރެން އެދިގެން ހުރި ޖަވާބެކެވެ.
އަހަރެމެން ދެމީހުން
އެކަކު އަނެކަކު ތަފާތު ތަންތަނުން ބައްދަލު ކުރަން ފެށީމެވެ. ޕާޓީތަކުންނާއި
ރެސްޓޯރެންޓު ތަކުންނެވެ. އަދި ފަހުން އައިސް އަހަރެންގެ ގެއިންވެސް
ބައްދަލުކުރަން ފެށީމެވެ. ވަސީމުއާއި އެންމެ ގަޔާވާންފެށި އެއްކަމަކީ ވަސީމުގެ
ވާހަކައިގައި އަބަދުވެސް ޖާދުވީ ގޮތެއް ހުންނާތީއެވެ. ބުނެލާ ކޮންމެ ޖުމުލައަކުން
އަހަރެންގެ ހިތަށް އުފާވެރިކަން ގެނެސްދިނެއެވެ.
ވަސީމަކީ ވަރަށް އޯގާތެރި
ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ. ދުވަހަކުވެސް އަހަރެން ދެރަވާކަހަލަ ބަހެއްވެސް
އަހަރެންނާއި ދިމާލަކަށް ނުބުނެއެވެ. އަބަދުވެސް އަހަރެންނަށް އިހުތިރާމުކުރެއެވެ.
އަހަރެންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އިގެއެވެ.
ނަމަވެސް،އަހަރެމެން
ދެމީހުންގެ ގުޅުމަށް އަހަރެއް ފާއިތުވެގެން ދިޔަފަހުން ކޮންމެވެސް ވަރަކަށް
ވަސީމުގެ އުޅުމަށް ބަދަލު ތަކެއް އަންނަ ކަމުގެ އިހުސާސް އަހަރެންނަށް
ކުރެވުނެއެވެ. ގުޅާއިރު ފޯނުނު ނުނެގުމާއި އަދި ފޯނު ނެގިޔަސް އަހަރެން ކިބައިން
ސަލާމަތް ނުވެވިގެން އުޅޭ ފަދަ ގޮތަކަށް އުޅޭހެން ހީވެއެވެ. އަބަދުވެސް
މަސައްކަތްކުރަނީ އަވަހަށް ފޯނު ބޭއްވުމަށެވެ. އެހެން ނަމަވެސް އަހަރެން އެއްވެސް
ޝަކުވާއެއް ނުކުރަމެވެ. އޮފީހުގައި މާބޮޑަށް ބުރަކޮން އުޅެން ޖެހުމުގެ ސަބަބުން
ވެގެން އުޅޭ ގޮތެއް ކަމަށް ހީކޮށެވެ. ކުދިކުދި މައްސަލަތައް މިހެން ހުރިކަމުގައި
ވިޔަސް އެންމެ ފަހުން ވަސީމުއާއި ކައިވެނި ކުރަން ނިންމީމެވެ. ފަހަރެއްގައި
ކައިވެނި ކުރުމުން މިކަންތައް ހައްލުވެދާނެކަމަށް ހީކޮށެވެ. އަހަރެން ހީކުރީ
ދެމީހުން މާގިނަދުވަހު ރައްޓެހިވެގެން އުޅުމުން ވަސީމަށް އައި ބަދަލުތަކެއް
ކަމަށެވެ. ވަސީމުވެސް އޭރު ހުރީ އަހަރެންނާއި ކައިވެނި ކުރަން ބޭނުންވެފައެވެ.
ނަމަވެސް ދެމީހުން އެކަކު އަނެކަކު ދަސްކުރުމަށް ކަމަށް ބުނެ ކައިވެނި ކުރުން
ފަސްކޮށްލީއެވެ. ބޭނުންވީ ވީހާވެސް އަވަހަކަށް ވަސީމުގެ މީހަކަށް ވުމަށެވެ.
އަބަދައްޓަކައެވެ. ދުވަހަކުވެސް ވަކިނުވާ ގޮތަށެވެ.
ވަސީމުއާއި ކައިވެނި
ކުރަން ބޭނުންވާ ވާހަކަ އަހަރެން އެކިގޮތްގޮތުން ވަސީމު ގާތުގައި ދެއްކީމެވެ. ނަމަވެސް
ވަސީމުގެ ފަރާތުން އެހާ އެދެވޭ ޖަވާބެއް ނުލިބުނެއެވެ. ވަސީމުގެ ވިސްނުން ހުރީ
ދެފިކުރެއްގައެވެ. ކައިވެނި ކުރާނީ ބާއެވެ. ނުވަތަ އަދި ކައިވެނި ކުރުން
ފަސްކުރާނީ ބާއެވެ. އަހަރެން އެކިގޮތްގޮތަށް ވަސީމަށް ވިސްނައި ދެވޭތޯ ބެލީމެވެ.
ނަމަވެސް ވަސީމު އިތުރަށް ކައިވެނީގެ ވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ.
ވަސީމުއަށް މިއައި ބަދަލު ކޮންމެ ހެން ވެސް ދެނެގަންނަށް އަހަރެން ބޭނުންވިއެވެ. އެކިގޮތްގޮތުން
އޭނަގެ ރައްޓެހިންގެ ފަރާތުން، ވަސީމުގެ ހަގީގަތް ހޯދުމަށް މަސައްކަތްކުރީމެވެ.
ވަސީމު އިތުރު ކުއްޖަކާ ރައްޓެހިވެގެން އުޅެނީތޯ ނުވަތަ އޭނަ އަނެއްކާ އެހެން
މީހަކާއި ކައިވެނިކޮށްގެން އުޅެނީތޯ ބެލުމަށެވެ. އަހަރެން ވަސީމުގެ ހަގީގަތް
ހޯދުމަށް ކުރި މަސައްކަތުން އޭނަގެ ފަރާތުން އެފަދަ އެއްވެސް ކަމެއް
އަހަރެންނަކަށް ނޭގުނެއެވެ.
ކުއްލިއަކަށް ގެއްލިފައިވާ
ހިޔާލުތަކުން ދުރުކޮށްދިނީ ވަސީމުގެ ފޯނުކޯލަކުންނެވެ. ވަސީމު އަހަރެންނާއި ބައްދަލުކުރަން
އަހަރެން މިހާރު އުޅޭގޭގެ ދޮރުމަތީގައި ހުރިވާހަކަ ބުންޏެވެ. އަހަރެން ދުވެފައިގޮސް
ވަސީމުއާއި ބައްދަލުކުރީމެވެ. ވަސީމު ފެނުމުންވީ އުފަލެއްގެ ބޮޑުކަން ބުނެދޭކަށްވެސް
ނޭގުނެވެ. އަވަސް އަވަހަށް ވަސީމު އަހަރެންގެ ކޮޓަރިތެރެއަށް ވެއްދީމެވެ. އަހަރެން
އެކިގޮތްގޮތުން ވަސީމަށް އަންނަމުން ދާ ބަދަލާމެދު ސުވާލުކުރަން ފެށީމެވެ. އަދި
އެންމެ ފަހުން އަހަރެންނަށް ރޮވެން ފެށިއެވެ. ވަސީމު ގާތުގައި އާދެސް ކުރަން
ފެށީމެވެ. ކައިވެނި ކުރަން އެހާ އުޒުރު ވެރިވަނީ ކީއްވެތޯ އެކިގޮތްގޮތުން އަނެއްކާވެސް
ސުވާލުކުރަން ފެށީމެވެ. ކުރިން ވަސީމު އަހަރެންދެކެ ލޯބިވި ގޮތަށް ލޯބިވުމަށްއެދި
އާދެސް ކުރަން ފެށީމެވެ. ވަސީމު އެއްވެސް އެއްޗެކޭ ނުބުނެ އެތައް އިރެއްވަންދެން
ވިސްނަށް ހުރުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. ވާހަކަ ދައްކަން ފެށުމާއެކު
ވަސީމުގެ ލޮލުން ފެންކަޅި ވެއްޖެއެވެ. ކުއްލިޔަކަށް
ހިފެހެއްޓުމެއްނެތި ވަސީމު އަށްވެސް ރޮވެންފެށިއެވެ. ވަސީމު އެހާ ދެރަވެފައި
ހުއްޓާ އަހަރެން ދުވަހަކުވެސް ނުދެކެމެވެ. ނަމަވެސް ވަސީމު އަށް ވެފައި ހުރި ގޮތް
ފެނިފައި އަހަރެންނަށް އަނެއްކާވެސް ރޮވެން ފެށިއެވެ. ދެމީހުން އެކުއެކީގައި
އެތައް އިރެއްވަންދެން ރޮވުނެއެވެ.
ވަސީމު ރޮމުން ރޮމުން
އަހަރެން ގައިގައި ބައްދައިގަތެއެވެ. އަދި މަޢާފު ކުރާށޭ ބުންޏެވެ. ވަސީމު
އަހަރެންނާއި ކިތައްމެ ވަރަކަށް ކައިވެނި ކުރަން ބޭނުންވިޔަސް މިހާރު އެކަން
ވާކަށް ނެތްވާހަކަ ބުންޏެވެ. ވަސީމު އުޅެނީ އެހެން މީހަކާއި ކައިވެނި
ކޮށްގެންކަމާއި، އަދި ކައިވެންޏަށް 2 ދެކުދިން ލިބި ފައިވާ ވާހަކަ ބުންޏެވެ.
އަހަރެންނަށް ހީވީ ފައިދަށުން ބިންގަނޑު ކަނޑައިގެން ދިޔަހެންނެވެ. ބުނާނެ
އެއްޗެއް ނޭގިފައި ހަނދާނެ ގޮތް ހުސްވެފައި އެތައް އިރެއްވަންދެން ހުރެވުނެވެ.
ވަސީމު އަހަރެންނާއި ކައިވެނި ކުރަން ކިތައްމެ ބޭނުންވިޔަސް ވަސީމުގެ އަންހެނުން
ރުގިއްޔާ އެކަމާއި ނުގަބޫލު ކަމާއި އެހެން ވީމަ ދެކުދިންގެ މަންމަ ދޫކުރެވެން
ނެތްކަމަށް ބުންޏެވެ.
އަހަރެން ރޮމުން ވަސީމު
ކައިރީގައި ޝަކުވާ ކުރަން ފެށީމެވެ. އެކަން އެގިހުރެ ވަސީމު އަހަރެންދެކެ ލޯބިވީ
ކީއްވެތޯ އެހީމެވެ. ކުރިން މީހަކާއި ކައިވެނިކޮށްގެން ދެކުދިން ލިބިފައިވާ ވާހަކަ
ނުބުނީ ކީވެތޯ ސުވާލުކުރީމެވެ. މިޔަދު އަހަރެންނަށް ވަސީމުއާއި ވަކިނުވެވޭ
ވަރުވުމުން ތި ހުރިހާ ވާހަކަތައް ކިޔައި ދިނީމަ ދެން އިތުރަށް ހަދާނެގޮތެއް
ނެތްކަމަށް އަހަރެން ވަސީމު ކައިރީގައި ބުނީމެވެ.
ވަސީމުގެ ވާހަކަތައް
ކުރިއަށް ގެންދިޔައެވެ. ވަސީމު އޭރުގައި ބޭނުންވީ ރުގިއްޔާ ވަރިކުރަން ކަމަށާއި،
އެއީ އޭރުގައި އެދެމީހުންގެ މެދުގައި ތަފާތު މައްސަލަތައް ޖެހިގެންގޮސް ވަރިކުރާ
ދަރަޖައަށް ދިއުމުން ކަމަށް ބުންޏެވެ. ނަމަވެސް ރުގިއްޔާއަށް ވަސީމު އެހެން
ކުއްޖަކާއި ރައްޓެހިވެގެން އުޅޭކަން އެގުމުން ރުގިއްޔާ މުޅިން ބަދަލުވީކަމަށާއި
ދެކުދިންގެ މަންމަ އެހާ ފަސޭހައިން ދޫކޮށްލުމަކީ ވަރަށް އުދަގޫކަމެއްކަމުން މުޅިން
ހިޔާލު ބަދަލުވީ ކަމަށް ބުންޏެވެ. ދެކުދިންގެ މަންމަ ދޫކޮށްލާފައި ދިއުމަކީ
ކުދިންނަށްވެސް ލިބޭ ނިކަމެތިކަމެއްކަމާއި އެހެންވީމަ އެގޮތަށް ކަންތައް ކުރަން
ބޭނުންނުވީކަމަށް ބުނަމުން ދިޔައެވެ. ރުގިއްޔާ ރުއްސައިގެން އަހަރެންނާއި ކައިވެނި
ކުރެވޭތޯ އެބަބަލާކަމަށާއި ވީމާ އިތުރަށް އިންތިޒާރު ކުރުމަށް އަހަރެންގެ ގާތުގައި
އެދުނެވެ.
އަހަރެން ރޮމުން ރޮމުން
ކަށްވަޅަށް ދާންދެންވެސް ވަސީމަށް އިންތިޒާރު ކުރާނެކަމަށް ބުނީމެވެ. ދެއަތްބަށް
ނަމަވެސް، ވަސީމުއާއި ކައިވެނިކުރަން ބޭނުންވާކަމަށާއި، ވަސީމުއާއި ކައިވެނި
ނުކުރެވޭނަމަ ދެން ދުވަހަކުވެސް އެހެން މީހަކާއި ކައިވެނި ކުރަން ބޭނުން
ނުވާކަމަށް ބުނީމެވެ. އެންމެ ފަހުން ވަސީމު ދެރަވެގެން އިސްޖަހައިގެން ހުރެ ގެއިން
ނިކުމެގެން ހިގައްޖެއެވެ.
ޖެހިގެން އައިދުވަހެއެވެ.
ފެނުނު މަންޒަރަކީ ހޮވަފެނެއްބާއޭ ހިތަށް އެރިއެވެ. ކުއްލިއަކަށް ގޭތެރެއިން
ފެނުނީ ރުގިއްޔާއާއި ވަސީމު އާއި ދެމީހުން އެކުއެކީގައެވެ. ދެމީހުންވެސް
އަހަރެންނާއި ދިމާލަށް ބަލާލާފައި ހީލިއެވެ. ރުއްގިއްޔާ އައިސް އަހަރެން
ކައިރިޔަށް ހުއްޓުނެވެ. އަދި ވަސީމުގެ އަތް އަހަރެންގެ އަތުތެރެއަށް ލާދިނެއެވެ.
ދެ އަތްބަށް ކައިވެނި ކުރުމަށް އެއްވެސް އިއުތިރާޒެއް ނެތްކަމަށް ރުގިއްޔާ ބުންޏެވެ.
ޖަވާބު ދިނުމުގެ ބަދަލުގައި އުފަލުންގޮސް އަހަރެންނަށް ރުގިއްޔާ ގައިގާ ބައްދައި
ގަނެވުނެއެވެ. ވަސީމު އައިސް އަހަރެންގެ އަތުގައި ހިފިއެވެ. އަދި ބުނެލިއެވެ. ތިއީ
ކުރި އިންތިޒާރުގެ ފޮނިނަތީޖާއެވެ. ތެދެކެއެވެ. ވަސީމު ލިބުމަކީ ހަމަ އަހަރެން
އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ކުރި އިންތިޒާރުގެ ފޮނި ނަތީޖާއެވެ.
( ނިމުނީ
)

No comments:
Post a Comment