ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން
އަހަރެން ހުރީމެވެ. މަގުމަތީގައި ދުއްވާ ވެހިކަލްތަކަށް ގެއްލިފައެވެ. މިއަދު
އޮފީސް ނިންމާފައި ގެއަށްއައިރު ސައިލެއްގެ ފަހަތުގައި އިން އަންހެންކުއްޖެއް
ބަލާލި ގޮތަކުންނެވެ. އެކުއްޖާ އިން ސައިކަލް ދެވަނަ ފަހަރަށް ފެންނާނެ ކަމުގެ
އުއްމީދުގައެވެ. އެކުއްޖާ ބަލާލިގޮތުން އެއީ ކޮންމެވެސް ވަރަކަށް ދަންނަ
ކުއްޖެއްހެން ހީވިއެވެ. ނަމަވެސް އޭނަ ލައިގެންހުރި ހެދުމުގެ ގޮތުން އެއީ
ކޮންކުއްޖެއްކަން އެހާރަނގަޅަށް ފާހަގަކުރާކަށް ނޭގުނެއެވެ. ލައިގެންހުރީ ކަޅުކުލައިގެ
ގަޔަށްދޫ ހެދުމެކެވެ. އަދި އަޅައިގެން ހުރީ ކަޅުކުލައިގެ ބުރުގަލެކެއެވެ.
ގެއްލިފައިވާ ހިޔާލުތަކާއި ދުރުކޮށްދިނީ
ފޯނަށް އައި މެސެޖަކުންނެވެ. ފޯނަށް މެސެޖެއް އައުމާއެކު އަހަރެން އަތުގައި
އޮތްފޯނަށް ބަލާލީމެވެ. މެސެޖު ފޮނުވި ނަމްބަރަކީ އަހަރެން ދަންނަ
ނަމްބަރެއްނޫނެވެ. ނަމަވެސް މެސެޖެކިޔާލުމުން މެސެޖުގައިވާ އިބާރާތުން އެނގުނީ
އަހަރެންދެކެ ވަރަށް ލޯބިވާ ކުއްޖަކު ފޮނުވާފައިއިން މެސެޖެއްކަމެވެ. މެސެޖުގައި
ލިޔެފައިވަނީ " އަދިވެސް ވަރަށް ބޮޑަށް ލޯބިވޭ. މިއީ ލޯބިވާ ... ''
މިހެންނެވެ. މެސެޖު ފޮނުވި ނަމްބަރަކީ ކާކުގެ ނަމްބަރެއްތޯ ބެލުމަށްޓަކައި
އަވަސްވެ ގަތީމެވެ. ހުރިހާ ރައްޓެހިންނަށް އެނަމްބަރ ފޮނުވާލީމެވެ. އެމީހުން
ދަންނަ ކުއްޖެއްގެ ނަމްބަރުތޯ ބެލުމަށްޓަކައެވެ. އަހަރެންގެ ރައްޓެއްސެއްގެ
ފަރާތުން އެއީ ކޮންކުއްޖެއްކަން އެނގުނެވެ. އަދި އެކުއްޖާއާއި ދޭތެރޭގައި ހަމްދަރުދީއެއް
އުފެދުނެވެ.
މީގެ ތިންއަހަރު ކުރިއެވެ. ރާއްޖެއިން ބޭރަށް
ކިޔަވަން ދިއުމަށްޓަކައި އަބަދުވެސް ހުރީ ބޭނުންވެފައެވެ. އަދި ކިޔަވަން
ދިއުމަށްޓަކައި ކެނޑިނޭޅި މަސައްކަތްކުރަމުން ދިޔައީމެވެ. ކިޔަވަން ކުރި ބުރަ މަސައްކަތުން،
އެންމެފަހުން ކޮލެޖުން އެޑްމިޝަން ލިބުނު ކަމުގެ އުފާވެރި ޚަބަރު ލިބުމުން
އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ކޮލެޖަކަށްގޮސް ކިޔެވުމަކީ އަބަދުވެސް
އަހަރެން ދެކެމުން އައި ހޮވަފެނެކެވެ. ވެފައި ހުރި އުފަލެއްގެ ބޮޑުކަމުން އުޅެވޭ
ނޫޅެވޭ ގޮތެއްވެސް ނޭގުނެއެވެ. ގާތްރަހުމަތްތެރިންނަށް އުފާވެރި ކަމުގެ ޚަބަރު
ދިނީމެވެ. ކިޔަވަން ދިއުމުގެ ފުރުސަތު ލިބުނީ އިންޑިޔާގެ ބެންގަލޫރު އިންނެވެ.
ކޮޓަރިތެރެއަށް ވެރިވިވެފައި ހުރި ފިނިކަމުގެ
ސަބަބުން އަހަރެންނަށް ހޭލެވުނީ އާންމުކޮން
ހޭލެވޭ ވަރަށްވުރެ އަވަހަށެވެ. ލޮލުގައި ނިދީގެ ކަންފުޅެއްވެސްނެތެވެ. އަވަސްވެ
ގަތީ ފާހާނާއަށްވަދެ ކޮލެޖަށް ދިއުމަށް ތައްޔާރުވުމަށެވެ. އަދި ގޭގައި އުޅޭ
އެހެންމީހުން ހޭލުމުގެ ކުރިން ތައްޔާރުވެގެން ކޮލެޖަށްދާން ނިކުތީ އާއުއްމީދާއެކުގައެވެ.
ކޮލެޖަށްގޮސް ކުލާހަށް ވަތްވަގުތު
ލައިގެންހުރި ގަމީހަށް ތައުރީފުގެ ބަސްތަކެއް ދިންހެން ހީވެގެން ފަސްއެބުރި
ބަލާއިރު، ކައިރީގައި ހުރީ މެދު އުމުރު ފުރާގެ އަންހެންކުއްޖެކެވެ. ލައިގެންހުރީ
ފިޔާތޮށިކުލައިގެ ހެދުމެކެވެ. އަދި އަޅައިގެންވެސް ހުރީ ހެދުމާގުޅޭ ހަމަ
އެކުލައިގެ ބުރުގަލެކެވެ. ބަލާލާ ބެލުމަށް ހަމަގައިވެސް 35 ފަހަރު ވެދާނެއެވެ.
އޭނަގެ ފައިން ފެށިގެން ބޮލާހަމަޔަށް ނަޒަރު ހިންގާލުމަށްފަހު ޝުކުރިއްޔާއެ ބުނެ
ކުލާސް ރޫމަށްވަނީމެވެ. ދެންވެސް ފަހަތުން އިވުނީ ހަމަ ތައުރީފުގެ ބަސްތަކެވެ.
ޖަވާބުގައި ހިނިތުންވެލީމެވެ.
ދެންއައީ ގަބޫލުކުރަން ދަތި ކަމެކެވެ. އެކުއްޖާ
އެދުނީ ގެއަށް ގެންގޮސްދިނުމަށެވެ. އަދި ވިސްނަށް ހުރުމަށްފަހު ކޮންނަމެއްތޯ
ކިޔަނީ ސުވާލުކުރީމެވެ. ނަންބުނުމުގެ ބަދަލުގައި މޫނުމައްޗަށްވެރިވީ ލާނެތް ހިނުތުންވުމެކެވެ.
ހީވަނީ މީހެއްގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިހުރި އަންހެންކުއްޖެއް
ހެންނެވެ. ވީވެސް ހީކުރިގޮތަށެވެ. އޭނަ އަމިއްލަޔަށް ތަޢާރަފުވިއެވެ. ނަމަކީ ''
މައިޝާ '' ކަމާއި، މީހަކާއި ކައިވެނިކޮށް އަދި ވަރިވެފައިހުރި
އަންހެންކުއްޖެއްކަން އެނގުނެވެ. އަދި މިވަގުތު އަޅާލާނެ މީހެއްނެތްކަމާއި
ކިޔަވަން އައީ އާއިލާގެ މީހުންގެ އެހީތެރިކަމާއެކު ކަން އޭނަ ބުނެދިނެވެ.
ދެއްކި ވާހަކަ އަޑުއަހާފައި ހިތުގައި އޭނައާއި
މެދު ހަމްދަރުދީއެއް އުފެދުނެވެ. މައިޝާ ގެއަށް ގެންގޮސް ދިނުމަށް އަހަރެންގެ
ގާތުގައި އެދުނެވެ. އަދި މައިޝާގެ އެދުމުގެ ގެއަށް ގެންގޮސްދިނީމެވެ.
ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން
ދިޔައިރު ދެމީހުންގެ ރައްޓެހިކަން ބަދަހިވަމުން ދިޔައެވެ. އަދި އޭނަގެ އެދުމުގެ
މަތިން، އޭނަގޮވައިގެން ކިޔެވުމަށް ބޭނުންވާ ބައެއް ފޮތްތައް ގަތުމަށްޓަކައި ފޮތްވިއްކާ
ފިހާރައަކަށް ދިޔައީމެވެ.
ދެން އޭނަގެ ފަރާތުން ފެންނަށްފެށީ އާޖަބު
ކުރުވަނި އަދި ގަބޫލުކުރަންވެސް ދަތި މަންޒަރުތަކެކެވެ. ކުލާހުގައި އުޅޭ އެހެން
އަންހެންކުއްޖަކާ ވާހަކަ ދެއްކިޔަސް، އެކަމާއި ހިތްހަމައެއް ނުޖެހެއެވެ. ފޯނަށް
ތަފާތު މެސެޖުތަށް ފޮނުވަމުން ގެންދިޔައެވެ. ގިނައިން ފޮނުވަނީ ލޯބީގެ ލަވައިގެ
ބައިތަކެއެވެ. ބަދަލުގައި މަޖަލަކަށް އަހަރެންވެސް މެސެޖު ފޮނުވަމުން ދިޔައީމެވެ.
ނަމަވެސް ކަންތައް ވަމުން ދިޔައީ އަހަރެން މުޅިން ހީކުރި ގޮތާ ޚިލާފަށެވެ.
ދަންވަރު ގަޑީގައި އަހަރެންގެ ފޯނަށް މެސެޖުތައް ފޮނުވަމުން ދިޔައެވެ. ހެނދުނު
ހޭލާއިރަށް ފޯނުގެ އިންބޮސް އިންނަނީ އޭނަގަ މެސެޖުން ފުރި ބާރުވެފައިއެވެ. އަދި
އެގޮތަށް މެސެޖު ނުކުރުމަށް އެދުނީމެވެ. ނަމަވެސް އޭނަގަ އެޢަމަލުތަކަށް އެއްވެސް
ބަދަލެއް އައިތަނެއް ނުފެނުނެވެ.
މިގޮތުގައި މައިޝާގެ އުދަގުލާއެކު
ތިންމަސްދުވަސް ކޮލެޖުގައި ހޭދަކުރީމެވެ. ދެންދިމާވި ކަމަކީ ބުނަށްވެސް ނޭންގޭ
ފަދަ ކަމެކެވެ. އަހަރެން ކުލާހަށްގޮސް ވަންނައިރަށް ކައިރީގައި އިށީދެހަދައެވެ.
މީގެތެރެއިން އެއްދުވަހަކު މައިޝާ އިނީ އަހަރެންގެ ކައިރީގައި ގައިގައިޖެހި ފިތިބާރުވެގެންނެވެ. އަދި ކައިރިން
ދުރައްދިއުމަށް އޭނަގެ ގާތުން އެދުނީމެވެ. އަދި އެންމެ ފަހުން ތެދުވެގެން ގޮސް، އެންމެ ފަހަތު
ގޮނޑީގައި އިށީދެގެން ރޯންފަށާފިއެވެ. އަދި ދެން ފޯނަށް އައީ ބުނަން ނޭންގޭ ކަހަލަ
މެސެޖެކެވެ. މެސެޖު ކިޔާލުމުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެމެސެޖުގައި
ވާގޮތުން އޭނަ އަހަރެން ދެކެ ހިންތިހާއަށް ލޯބިވެއެވެ. ދެން އަހަރެންނާއި ނުލާ
ދުނިޔޭގައިވެސް ނޫޅެވޭނެކަމަށް ބަޔާން ކޮށްފައިވެއެވެ. ހަނދާނެގޮތް
ހުސްވެއްޖެއެވެ. މިކަމުން ސަލާމަތްވާނެ ގޮތަކާއި މެދު ވިސްނަށް ފަށައިފީމެވެ.
މައިޝާއަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތްކުރީމެވެ.
ނަމަވެސް ކުރެވުނު މަސައްކަތްވީ މުޅިން ބޭކާރުކަމަކަށެވެ. އިމާރަތްމަތިން
ފުންމާލައިގެން މާރުވާނެކަމަށްބުނެ އަހަރެންނަށް ބިރުދައްކަމުން ދިޔައެވެ.
އޭނަގެ ހަގީގަތް ހޯދުމަށް އަހަރެންނަށް
މަޖުބޫރުވެއްޖެއެވެ. ބެލިއިރު މައިޝާ އަކީ ދެމީހުންނާއި ކައިވެނިކޮށްފައިވާ
ކުއްޖެކެވެ. އެ ދެމީހުންނާއެކުގައިވެސް ނޫޅެވުނީ އޭނަގަ ޒީލަގަދަކަމުންންނެވެ.
ހަމަ އެކަނި އެހެން ވެގެންވެސް ނޫންކަން ފަހުން އެގެނެވެ. އަދި ބޭނުންވަނީ
ފައިސާކަންވެސް އެގިގެންދިޔައެވެ.
އަހަރެން އެކަނި ފެނިއްޖެނަމަ ގަމީހުގައި
ހިފާފަ ދަމަންފަށައެވެ. އަހަރެންނަށް ދެއްކުމުގެ ގޮތުން އެހެން ފިރިހެންކުދިންނާ
ހީސަމާސާ ކޮށްހަދައެވެ. އަދި އަހަރެންނަށް އަޑުއިވޭ ހިސާބުގައި އެހެން
ފިރިހެންކުދިންގެ ރީތި ވާހަކަ ދައްކާހަދައެވެ. އެންމެ ފަހުން އެވަރުން ނުވެގެން،
އެހެން އަންހެންކުދިން ކައިރީގައި އަހަންނާއި ވާހަކަ ނުދެއްކުމަށް އެދެމުން
ދިޔައެވެ. އަންހެން ކުދިން އަހަރެންނާއި ވާހަކަ ދައްކާތަން ފެނުނަސް އެކުދިންނަށް
ތަފާތު އިންޒާރުތައް ދެމުންދިޔައެވެ.
ކޮލެޖުގައި އުޅޭ ޓީޗަރުން ކައިރީގައިވެސް
އަހަރެންގެ ވާހަކަ ދައްކައިގެން އެމީހުންނާއި ޖެއްސުމަށްޓަކައި ތަފާތު މަސައްކަތް
ކުރަން ފެށިއެވެ. އަދި އޭނަގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކާމިޔާބުވާ ގޮތް
ވެގެންދިޔައެވެ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ ބައެއް މުދައްރިސުން އަހަރެންދެކެ
ހިތްހަމަ ނުޖެހޭ ގޮތް ވެގެންދިއުމެވެ.
ހަނދާނެ ގޮތް މުޅިން ހުސްވެއްޖެއެވެ. އެންމެ
ފަހުން ކޮލެޖުގައި އުޅޭ ގާތް ރައްޓެހިންނާއި މިކަން ހިއްސާ ކުރަންފަށާފީމެވެ. އަދި
އެމީހުންގެ ލަފާގެ މަތިން އޭނަގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރަން
ފެށީމެވެ.ފަހުންފަހުން އައިސް އޭނަ ފެންނަ ހިސާބަށް ދިއުން ހުއްޓާލީމެވެ. ނަމަވެސް
ދިމާވީ އެންމެ މައްސަލައެކެވެ. ދެމީހުންވެސް ކިޔަވަމުންދިޔައީ އެއް
މާއްދާއެއްކަމުން އިންނަށް ޖެހިފައިވަނީ އެއްކުލާސް ރޫމުގައެވެ.
ކުލާހުގައި އިންނައިރު އިންނަށް ޖެހެނީ އޭނަގެ
އުދަގޫ ނުވާ ހިސާބު ދުރުގައެވެ. އަދި ބައެއްފަހަރު ވައްބަހުން އެއްޗެހި
ބުނެއުޅެއެވެ. މިގޮތަށް މައިޝާގެ އުދަގުލާއެކު ކިޔެވުން ނިންމާލީމެވެ.
ފޭސްބުކުންވެސް އޭނަގެ އުދަގޫ ބޮޑުވެގެން ބްލޮކު ކުރީމެވެ. ގެންގުޅޭ ފޯނު ނަމްބަރު
ބަދަލުކުރީމެވެ.
އޭނަގެ މެސެޖު ކިޔާލުމަށްފަހު ވަރަށް ފޫންކޮށް
އެކަމާއި މެދު ވިސްނާލީމެވެ. އަދި މެސެޖުކުރި ނަމްބަރަށް ވަރަށް ހިތްވަރު ކޮށްފައި
ގުޅާލީމެވެ. ފޯނުކުރުމާއެކު އެކޮޅުން ވަގުތުން ފޯނުނެގިއެވެ. ވާހަކަ ދައްކަނީ
މައިޝާ ކަން އެގުނެވެ. ކުރިން ނުވެނު ލޯތްބެއް އަލުން ދެނެއް ނުވެވޭނަކަން
ބުނީމެވެ. އިތުރަށް ތިގޮތަށް ދެވަނަ ފަހަރަށް އުދަގޫނުކުރުމަށް އެދުނީމެވެ. ޖަވާބު
ދިނުމުގެ ބަދަލުގައި އިވުނީ ރޯންފެށިއަޑެއެވެ. އިތުރަށް އަހަރެންގެ ވާހަކަތައް
ކުރިޔަށް ގެންދިޔައީމެވެ. އަދި ލޯބިނުވާކަމާއި، މައިޝާގެ އަމަލުތަކަކީ
އެއްގޮތަކަށްވެސް އަހަރެން ގަބޫލު ނުކުރާ ކަމެއްކަން ބުނެދިނީމެވެ.ރޮވެގެން
ތިކަމެއް ނުވާނެކަން ބުނެފައި ފޯނު ކަނޑާލީމެވެ. ނަމަވެސް ފޯނު ބޭއްވިތަނާ އިރުކޮޅެއް
ނުވަނީސް މައިޝާ ގުޅާފިއެވެ. އަދި އަހަރެން ލިބެންދެން މިގޮތުގައި
ދެމިހުންނާނެކަމާއި އުދަގޫ ކުރަމުން ދާނެވާހަކަ ބުނެފައި ފޯނުބޭއްވިއެވެ.
ފޯނުބޭއްވިތާ 10 މިނެޓްފަހުން އަނެއްކާވެސް
މައިޝާގެ ފޯނުކޯލެއް އަތުވެއްޖެއެވެ. ވާހަކަ ދެއްކީ އެހެންމީހެކެވެ. މައިޝާ އެއް
ނޫނެއެވެ. ފިރިހެނެކެއެވެ. އަދި ކާކުތޯ ސުވާލުކުރުމުން ޖަވާބުގައި " މިއީ
މައިޝާގެ ފިރިމީހާ" ކަމަށްބުންޏެވެ. އަދި ދެމީހުން ދިރިއުޅެނީ ކ.
ގުރައިދޫގައި ކަމާއި އެދެމީހުން ކައިވެނިކުރިތާ އަހަރެއްވާން ކައިރިވަނީ ކަމަށާއި،
މައިޝާގެ ފަރާތުން މާޢަފަށް އެދޭކަމަށްބުނެ ފޯނުބޭއްވިއެވެ.
ފޯނު ބޭއްވުމުން އެކަމާއި މެދު ކުޑައިރުކޮޅަކު
ވިސްނާލަން ހުރުމަށްފަހު ހިތާހިތުން ކިޔާލެވުނެއެވެ. އޭނަގެ ހަޤީގަތް މިހާރުގެ
ފިރިމީހާއަށްވެސް އެނގެނީތާއެވެ. މިއީ ހަމަ ފަހަތުން އެޅި ވިގަންޏެއް ކަހަލަ އަންހެނެކެވެ.
( ނިމުނީ )

No comments:
Post a Comment