އެއްދުވަހު އަހަރެން،
ކުޑަކުދިން ކުޅެންއުޅޭ ޕާކެއް ކައިރީގައި މަޑުކޮށްލައިގެން ހުއްޓާ، ކުޑަދެކުދިން
ކުޅެން އުޅެނިކޮން ފެނުނެވެ. އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.
އެތަނުން ފިރިހެން ކުއްޖާ ކުޅެން އުޅެފައި އަންހެން ކުއްޖާ ކޮއްޕާލިއެވެ. ކޮއްޕާލި
ތަނާ އަންހެން ކުއްޖާ ވެއްޓުނެވެ. އަދި ތުންފިއްތާފައި ހިތުގައި ޖެހިގެން ހުރެ
ރޯންފެށިއެވެ. އެމަންޒަރު ބަލަން ހުރި ކުޑަފިރިހެންކުއްޖާ ދުވެފައި އައިސް
އަންހެން ކުއްޖާގައިގައި ލޯބިން ބައްދާލިއެވެ. އެކުރެވުނު ކަންތަކަށް މާޢަފަށް އެދުނެވެ.
ވަގުތުން އަންހެން ކުއްޖާގެ މޫނަށް އުފާވެރި ހިނިތުންވުމެއް ވެރިވިއެވެ. ދެން އެ
ތުއްތު ދެކުދިން ލޯބިން އެކުގައި ކުޅެން ފެށިއެވެ.
ނަމަވެސް ބޮޑުތި މީހުންންގެ
ފަރާތުން މިރީތި އާދަ މިހާރު ނުފެންނަނީ ކީއްވެގެން ބާއޭ އަހަރެން ހިތަށް އެރިއެވެ.
ދިރާސާ ތަކުން ދައްކާގޮތުގައި ކަމެއް ދިމާވުމުން އެކަން ހިތުތެރޭގައި ބަހައްޓާ
އަދި މީހުންނަށް މަޢާފުނުކޮށް އުޅޭ މީހުންނަށް ހިތުގެ މައްސަލަތައް ދިމާވެގެން
ދެއެވެ. މީގެ އިތުރުން ދިގުމުއްދަތަކަށް ދެމިގެންދާ ބުރަކަށީގައި ރިއްސުމުގެ
މައްސަލަތަކާއި، ނާރުގެ ބަލީގެ މައްސަލަތަކާއި، ދިފާއީ ނިޒާމުގެ ބާރު ދަށްވުމާއި،
ކަންކަމުގައި ހާސްވެ ކަންބޮޑުވުމުގެ މައްސަލަތައް ދިމާވުން ހިމެނެއެވެ.
އަބަދުވެސް މަޢާފު ކުރުމުގެ
މާނައަކީ ހަމައެކަނި ގުޅުން ކެޑިފައިވާ ދެ ރަހުމަތްތެރިޔަކު ދެވަނަ ފަހަރަށް ރަހުމަތްތެރި
ކަމުގެ ގުޅުން އުފެދުމެއްނޫނެވެ. ނުވަތަ އޭނަގެ ފަރާތުން ފެންނަ ނޭދެވޭ ޢަމަލުތަކަށް
އަޅާނުލާ ހުރުމެއްވެސް ނޫނެވެ. އެއީ އެ ވެދިޔަކަމެއް ހިތުގެ ތެރެއިން ހަނދާން
ނައްތާލުމަށްފަހު، އެއްގޮތަކަށްވެސް އެކަމާއި މެދު އަލުން ނުވިސްނާ އެކަމުގެ
ޝިކާރަޔަށް ނުވުމެވެ. މަޢާފު ކުރުމަކީ ކޮންމެހެން ތިމާ ދައްވެ، މަޢާފް ލިބޭ ފަރާތް
މާބޮޑު މީހަކަށް ވުމެއްވެސް ނޫނެވެ. ތިރީގައި މިވަނީ މަޢާފް ކުރުމަށްޓަކައި
ކުރެވިދާނެ ބައެއް ކަންތައްތަކެވެ.
1.
ބުނުން ނުވަތަ އެދުން؛ ކަމެއް
ދިމާވުމުން ހިތުގެ އަޑިން ލޯތްބާއެކު، މަޢާފަށް އެދިއްޖެނަމަ ނުވަތަ މަޢާފް
ކޮށްފިނަމަ އެތައް ބަޔެއްގެ ގުޅުން ކެޑުނަ ނުދީ އެގުޅުން ދެމެހެއްޓިދާނެއެވެ.
ދިމާވާ ކޮންމެ ދެބަސް ވުމެއްގައިވެސް ލަސްނުކޮށް މަޢާފަށް އެދޭށެވެ. ކޮންޓްރޯލް
ނުވާ ދަރަޖައަށް ދިއުމުގެ ކުރިން ޒުވާބު ކުރުމާއި ދެބަސްވުން ހުއްޓާލުމަކީ ވަރަށް
މުހިންމު ކަމެކެވެ. މިސާލަކަށް ބުނާނަމަ؛ ފިރިމީހާ އޮފީހުން ނިމިގެން
ރޭގަނޑު ލަހުން ގެއަށް އަންނަ އިރު އަނބިމީހާ ހިތްހަމަ ނުޖެހި ހުރެއްޖެނަމަ
އެކަންތައް އެކި ގޮތްގޮތަށް ގެންދެވިދާނެއެވެ. އެކަން ( ލަސްވި ސަބަބު ) އެހެން
ބައެއްގެ ބޮލުގައި އެޅުވުމާއި، އަނބިމީހާ އިތުރަށް ސުވާލުކުރަން ފެށުމުން ރުޅި
ގަދަވުން ހިމެނެއެވެ. މިހެން މިގޮތަށް ކުރުމުގެ ބަދަލުގައި އެކަމަށް '' މަޢާފަށް
'' އެދުމަކީ އެންމެ ބުއްދިވެރި އަދި އެންމެ ރަނގަޅު ގޮތެވެ. މައިންބަފައިންވެސް
އެއްވެސް ސަބަބަކާއި ނުލައި ރުޅިއައިސްގެން ކުދިންނަށް އެރުޅިގަނޑު ބަލާތަން
އާދެއެވެ. މިގޮތަށް ދިމާވެއްޖެނަމަ، މައިންބަފައިންވެސް އެ ކުދިންގެ ފަރާތުން
މަޢާފަށް އެދުމަކީ ރީތި އާދައެކެވެ.
2.
މިކަމާއި ގުޅިގެން އިތުރަށް ކަމެއް ކުރަންޖެހޭ ހާލަތެއް ދިމާވެއްޖެނަމަ،
އެކަމެއް ކުރުމަށް ފަސްނުޖެހި ކުރިއަށް ގެންދިއުން؛ ބައެއް ހާލަތްތަކަކީ ހަމައެކަނި އެދިމާވި ކަމަކަށް '' މަޢާފަށް '' އެދިގެން ދެމީހުންގެ
ގުޅުންތެރިކަން ކުރިއެކޭ އެއްގޮތަށް ދެމެހެއްޓުމަށް އެހާފަސޭހަ ކަމަކަށް
ނުވެދާނެއެވެ. މިސާލަކަށް ބުނާނަމަ؛ އެއްމަސް ދުވަސް ވަންދެން ޓްރޭނިންގ
ޕްރޮގްރާމެއްގައި ރަށުން ބޭރުގައި އުޅެން ޖެހުމުގެ ސަބަބުން ކުދިންނާއި އޮންނަ
ގުޅުން އެންމެ އެކަށީގެން ވާގޮތަށް ނުބޭއްވުމުގެ ސަބަބުން އެކުދިންނަށް އެކަމުގެ
އަސަރު ކުރާތަން އާދެއެވެ. އެހެން ވުމުގެ ސަބަބުން އެކުދިންނަށް އެކަންތަށް
ވިސްނައިދިނުމަށް ތަފާތު މަސައްކަތް ކުރަންޖެހެއެވެ. މީގެ އިތުރުން ދެމަފިރިން
ޒުވާބުކޮށް ގަޔަށް އަތްލާ ހަޑިހުތުރު ބަހުން މުހާތަބު ކުރުމުގެ ސަބަބުން
ދެމީހުންގެ ގުޅުންތެރިކަމަށް އެކަމުގެ އަސަރު ކުރެއެވެ. އެކަކު އަނެކަކުގެ
ކިބައިން މަޢާފަށް އެދުމުގެ އިތުރުން، މިކަން ކުރިފަރާތުން އިތުބާރާއި ލޯތްބާއި
އަދި އެކަކު އަނެކަށް ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި، އެތަށް މަސައްކަތެއް
ކުރަންޖެހެއެވެ.
3.
މަޢާފުކުރަން ދަސްކުރުން؛ ކަމެއް ގޯސްކޮން
ހިގުމުގެ ސަބަބުން އެކަން ކުރިފަރާތުން މަޢާފަށް އެދި ކުށް ޤަބޫލުކުރިޔަސް
އެހިސާބަކުން ނުނިމެވެ. ތިމާ ( ނުވަތަ އެކަން ރައްދުވާ ފަރާތް ) އަކީ އެކަމަށް މަޢާފުކުރާ
މީހަކަށްވެސް ވާންޖެހެއެވެ. އެކުރި ކަމަކުން ތިމާއަށް ކިތަންމެ ފުން
އަސަރެއްކުރިޔަސް އެކަން ހަނދާން ނައްތާލާ މަޢާފު ކުރުމުގެ ސަބަބުން ދެމީހުންގެ
ގުޅުން އިތުރަށް ތާޒާވެގެން ދެއެވެ. އާފެށުމަކުން ރަހުމަތްތެރިކަން ނުވަތަ ލޯބީގެ
ގުޅުންތެރިކަން، ފެށި އެގުޅުން އިތުރަށް ބަދެހިވެގެން ދެއެވެ.

No comments:
Post a Comment